ޕީޕީއެމުން އިލެކްޝަންސް ކޮމިޝަންއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިކަން "ޖަޒީރާ" އަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅައް ދައުވާ ކުރަން ނިންމާފައިވަނީ، ގާނޫނު އަސާސީގައި ދައުލަތުގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާއިން ޕީޕީއެމްއަށްވީ ފައިސާ ނުދީ ހިފެއްޓި މައްސަލައާއި، ވަކި ތާރީހެއްގެ ކުރިން ޕާޓީގެ ޕްރައިމަރީ ބާއްވަން އިލެކްޝަންސް އިން އެންގި މައްސަލައާ ގުޅިގެންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާ ހަވާލާދީ އޮންލައިން ނޫހެއްކަމަށްވާ "ވަން އޮންލައިން" އިން ބުނީ، ޕީޕީއެމަށް ލިބެން ޖެހޭ 8.5 މިލިއަން ރުފިޔާ އިލެކްޝަނުން ހިފަހައްޓާފައި ވަނީ އެއްވެސް ގާނޫނަކަށް ރިޔާއަތް ކޮށްފައެއްނޫން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޕީޕީއެމްއަށް ޤާނޫނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ ހިފެހެއްޓިފައި ހުރީ، އެ ޕާޓީގެ ލީޑަރޝިޕްގެ މައްސަލައެއް ކޯޓުގައި އޮތުމުންނާއި، ޕީޕީއެމްގެ ލީޑަރޝިޕާ މެދުގައި ސުވާލު އުފެދިފައިވާތީ ކަމަށެވެ. އަދި ، އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ހަވާލުކުރެވޭނީ އެ މައްސަލަ ނިމުމުންކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ވަކި ތާރީހެއްގެ ކުރިން ޕާޓީގެ ޕްރައިމަރީ ބާއްވަން އިލެކްޝަންސްއިން އެންގި އެންގުމާ ގުޅޭގޮތުން މުންދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އަކީ ޕާޓީ ތަކުގެ އެތެރޭގައި ކުރާކަމެއް ނަމަވެސް، މިހާރު ޕްރައިމަރީ ބާއްވަން ޖެހޭ ތާރީޚުވެސް ކަނޑަ އަޅަނީ އިލެކްޝަނުން ކަމަށެވެ. އެހެން އެކަންތައް ކުރަނީ ގަސްދުގައި އެހެން ނިޔަތެއްގައި ކަމަށްވެސް މުންދު ވިދާޅުވިއެވެ.