ހިރިލަންދޫއަކީ ތަފާތު ހުނަރުވެރިން އެރަށަކަށް ފޫޅު ކަނޑާފައިވާ ކޮޅުމަޑުލުގެ އެންމެ ހާއްސަ އެއްރަށެވެ. މަސްވެރިކަމާއި، ފައިބަރުގެ މަސައްކަތަކުން ފެށިގެން މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ތަފާތު އެކިއެކި މަސައްކަތްތަކަށް ބަލާލި ކަމުގައިވިޔަސް ހިރިލަންދޫގެ ނަމަކީ ރާއްޖޭގެ އުތުރަށާއި ދެކުނުގައި ބީރައްޓެހި ނަމަކަށް ނުވެއެވެ. މިގޮތުން މިރިޕޯޓް ހާއްސަ މިކޮށްލަނީ އަތްތެރި މަސައްކަތުގެ ރޮނގުން ތަފާތު އެކިއެކި މަސައްކަތްތަކެއް ކުރަމުންދާ ހިރިލަންދޫގެ ޒުވާނަކަށެވެ.

އަހްމަދު ހުސައިން މަނިކް ( އެންޑޯނިކް ) އަކީ ދިރިއުޅުމުގައި ތަފާތު ދާއިރާ ތަކުގައި މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ. ރާނާ ސިމެންތި ޖެހުމުގެ އިތުރުން އިރެއްގައި ވަރަށްގަދަޔަށް ބެރުވެސް ޖަހާ އުޅުނު ޒުވާނެކެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުންނަ އެންޑޯނިކަށް ޓީޗިން ދާއިރާއިން ކިޔަވަން ފުރުސަތު ލިބުނީވެސް ސިމެންތި މަސައްކަތުގައި އަވަދިނެތި އުޅެނިކޮށެވެ. 2011 ވަނައަހަރު ކިޔަވަންފަށާ 2012 ވަނައަހަރު ޑިޕްލޮމާ ފުރިހަމަ ކުރުމަށްފަހު ހިރިލަންދޫ ސުކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތްފެށިއެވެ. ސުކޫލުގައި ޓީޗަރެއްގެ ގޮތުގައި ހުރެ ޓީޗިންގެ ރޮނގުން އެސޯސިއެޓް ޑިގްރީ، ޑިގްރީ އަދި މާސްޓާސްވެސް އެންޑޯނިކް ވަނީ މިއަދު ހާސިލްކޮށް ހިރިލަންދޫ ޝަރަފުވެރި ކުރުވާފައެވެ.

ސީނިއަރ ލީޑިން ޓީޗަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ އެންޑޯނިކަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ހުނަރުވެރިކަން ދައްކަމުންދިޔަ ކުއްޖެއްކަމަށް ރަށުގެ ގިނަބަޔަކު ބުނެއެވެ. 1996 އޯގަސްޓް 10 ވަނަ ދުވަހު އަތޮޅު ފެންވަރުގައި ސުކޫލުތަކަށް ހާއްސަކޮށްގެން ބޭއްވުނު މައުރޫޒެއްގައި ފުރަތަމަ ފަހަރަށް އެންޑޯނިކް ބައިވެރިވީ އުމުރުން އެންމެ 12 އަހަރުގައެވެ. އެމުބާރާތުގައި ބައިވެރިވެ މުބާރާތުގެ 3 ވަނަ ހާސިލް ކުރިއެވެ. އެހުނަރު ދިރުވަމުން މިއަދާ ހަމައަށް އައީ ފޫހިކަމެއް ނެތި މަސައްކަތް ކުރަމުންކަން އެންޑޯނިކް ފާހަގަ ކުރެއެވެ. މިނޫންވެސް މިފަދަ އަތްތެރިކަމުގެ މުބާރާތްތަކުން އެންޑޯނިކް ވަނީ ތަފާތު އެކި ރަން ވަނަތަށް ހޯދާފައިކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން 31 ޑިސެމްބަރ 2018 ވަނަ އަހަރު " ސުޒުކީ ހިރިލަންދޫ ޒުވާނުންގެ ހަފްތާ 2018 " ގައި ބައިވެރި އަތްތެރި ކަމުގެ މައުރަޒުން މުޅިމުބާރާތުގެ ޝަރަފުވެރި 1 ވަނަ ހާސިލް ކޮށްފައެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އަތްތެރިކަމުގެ މަސައްކަތް ފުޅާ ކުރުމަށް އަމިއްލަ ވޯކްޝޮޕެއް ގާއިމު ކޮށްފައިވާއިރު މިތަފާތު މަސައްކަތުން ރަށުގެ ރައްޔިތުންގެ ހިއްތަށް ދަނީ ފަތަހަކުރަމުންނެވެ. މިކަން އެންމެ ރަނަގަޅަށް ހާމަވެގެންދަނީ އެމަސައްކަތް ވިޔަފާރީގެ ގޮތުގައި އާމުންނަށް ފެންނާނެ ގޮތަށް ހުޅުވާލެވިފައިވާ ފޭސްބުކް ޕޭޖުންނެވެ. " އެންޑޯސް ކުރާފްޓް " ގެނަމުގައި ހުޅުވާލެވުނު ފޭސް ބުކް ޕޭޖުން މިހުނަރުވެރިޔާގެ ހުނަރު ހަގީގަތުގައިވެސް ފެނިގެންދެއެވެ.

ބަދިގޭ ބޭނުންކުރާނެ ތަފާތު ދޭފަތް ތަކުން ފެށިގެން ކޮފީ މޭޒު ތަކާއި މޭޒުމަތި ފަޅު ފިލުވާލަދޭނެ ލަކުނޑީގެ ތަފާތު މަސައްކަތްތަކުގެ އިތުރުން ކުދި ދޯނި ފަހަރާއި ލަކުނޑީގައި ކަނޑާ ނެގިފަހުރި ރީތި ކުރެހުންތައް ފަރުމާ ކުރުމަކީ އެންޑޯނިކްގެ ހުސްގަޑިތަށް ފުރާލަދޭ ކަންކަމެވެ. މިފަދަ ކޮންމެ އާލާތެއް ތައްޔާރުކޮށް ނިންމާލަނީ ކެތްތެރިކަމާއި އެކުގައެވެ. މިކަމުގައި އާމުންގެ ތަރުހީބު އެންޑޯނިކަށް ދަނީ ކެނޑި ނޭޅި ލިބެމުންނެވެ. މިކަމުން މިހާތަނަށް މާއެދެވޭ އާމްދަނީއެއް ލިބިފައި ނުވިނަމަވެސް މިކަމަކީ ކުރިމަގު އުޖަލާ މަސައްކަތެއް ކަމަށް މިކުޅަދާނަ ހުނަރުވެރި ފަރާތް ސިފަ ކުރެއެވެ.

މިފަދަ މަސައްކަތްތެރީންގެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނަމައީ ތަފާތު ހުނަރުވެރިން ވުޖޫދަށް އުފަންވެގެން ދާނެކަމެކެވެ. ހަގީގަތުގައިވެސް ކޮޅުމަޑުލު ހިރިލަންދުއަށް އުފަން އަހްމަދު ހުސައިން މަނިކަކީ މަސައްކަތެރިކަމުގައި އަރާހުރި ފަހުލަވާނެއްކަން ފާހަގަ ކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *