ހިތްހަމަ ޖެހުމާއެކު އަމާން ކަން މަތީ އިނދެވުމަކީ އިންސްޓަގްރާމް ބަލާލައި އެއިން ފެންނަ ޕޯސްޓް ތަކަށް "ހާޓް" ދިނުން ތަ؟
ލިބޭ ހުސްވަގުތު، މަޝްހޫރު އިންސްޓަގްރާމް ފިޓްނަސް މޮޑެލުންނާއި މޭކަޕް މޮޑެލުން "ސްޓޯކް" ކުރުމުގައި އަދި ފެޝަން ޓިޕްސް ސޭވް ކުރުމުގައި ހޭދަކުރުމަކީ ވަރަށް ބޭނުން ހިފޭނެ ކަމެއް ކަމުގައި ދެކުނަސް ވެސް އެއީ ހަމަ މުޅިން ބޭކާރު ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއީ އިންސާނެއްގެ ސިކުނޑިއަށް ފޯރު ކޮށްދެވޭނެ އެންމެ ބޭކާރު މައުލޫމާތެވެ.
އިންސްޓަގްރާމްގެ އެންމެ ބޮޑެ އެއް މައްސަލަ އަކީ އެއިން ފެންނަ ފޮޓޯ ތަކާއި ވީޑިއޯތައް ބެލުމުން ތިމާ ހުންނަ ސިފައާއި މެދު ލަދު ގަތުމެވެ. މިކަން ފިރިހެނުންނަށްވުރެ އަންހެނުންގެ ތެރޭގައި މަގުބޫލެވެ. "އިންފްލުއެންސާސް" ގެ އިންފްލުއެންސް ހަމަ ބާރު ގަދައީއެވެ.
އިންސްޓަގްރާމުން ފެނިގެންދާ ފޮޓޯ ތަކާއި ވީޑިއޯ ތަކަކީ ގިނަ ފަހަރު އޭގައި އެއްވެސް ހަގީގަތެއް ނޯންނަ ލޯ މައްޗަށް ދައްކާ ދަޅައެކެވެ. ކަން އެގޮތައް އޮތަސް، އަނގައިން ކުޅު ހިކި ދެލޯ ނިއްކުރިއަށް އަރާ އިރުވެސް "އިންސްޓަގްރާމް އިޒް ލައިފް"ް ވެފައި އުޅޭ މީހުން މި މުޖުތަމައުގައި ގުނާ އަދަދު ނުކުރެވޭނެއެވެ.
ވަކި އޭންގަލް އަކުން ނޫނީ ފޮޓޯ ނުނެގި، ފިލްޓާ ތަކާއި ހުރެ ތިމާ ފިލްޓާ ވާ ހިސާބަށް ދާއިރުވެސް ހިތްހަމަޖެހޭ ސެލްފީ އެއް ނެގޭ ކަމަކަށް ނުވެއެވެ. ކަމުދާ ފޮޓޯއެއް ނެގޭތޯ ގަޑި ދެގަޑި އިރު ވަންދެން ފޮޓޯ ނަގާލަ ނަގާލާ ހުރެވޭއިރުވެސް މިކުރެވެނީ ކިހާ ބޭނުމެއް ނުފުދޭ ބޭކާރު ކަމެއް ކަން ނުވިސްނެއެވެ. "ފޮލޯވާސް" ގިނަ ކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭ ކަމަކީ އިންސްޓަގްރާމްގެ އަވައިގައި އެންމެ ބޮޑަށް ޖެހިފައި ވަނީ އުމުރުން 16 އަހަރުވެސް ނުވާ ސުކޫލު ކުދިން ކަމެވެ.
އިންސްޓަގްރާމް ބެލުމަކީ ސިނގިރޭޓް ބުއިމަށް ވުރެވެސް ބޮޑަށް ދެވި ހިފާ ކަމެކެވެ. އެއިން ފެންނަ މޮޅު "ޑީއައިވައި" ބެލުމަކީ ވާޖިބެކޭ ހިތަށް އަރަނީ ކަންނޭނގެއެވެ. ވީޑިއޯ ނުބަލާ ލޮލަށް ނިދިވެސް ނާދެއެވެ.
މީގައި އެންމެ ހެއްވާ ކަމަކީ އިންސްޓަގްރާމް ބަލައިގެންވެސް ކަންނެއް ކަމުން އަތެއް ފައެއް ގުޑުވާލަން ނުކެރުމެވެ. މޮޅެތި ކަސްރަތު ތަކާއި ކެއްކުންތައް ކައްކާ ތަން ބަލަން މުޅި ދުވަސް ހޭދަ ކުރިއަސް އެއިން އެއްވެސް ކަމެއް ނުވެސް ކުރެއެވެ. ކަސްރަތު ކުރަނީވެސް ގިނަ ފަހަރަށް ބޮލުތެރޭގައެވެ.
އިންސްޓަގްރާމް ބަލައިގެންވެސް ރަނގަޅު އާދައެއް ދަސްވާނަމަ ރަނގަޅެވެ.