ކަންފަތް ބީރު މީހުންނަށް ހާއްސަ "ފަޔާ-އެލާމް" އެއް ޖަޕާނުން ތައްޔާރު ކޮށްފިއެވެ.
ޖަޕާނުގެ ޝިގާ ޔުނިވާސިޓީ އޮޕް މެޑިކަލް ސައިންސުން އުފެއްދި މި އާދަޔާހިލާފު ފަޔާ އެލާމަކީ، ކަންފަތް ބީރު މީހުންނަށް ހާއްސަކޮށްގެން، ވަހުގެ ޒަރިއްޔާއިން އަލިފާން ރޯވުމުން އެކަން ދެނެގަނެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފަޔާ އެލާމެކެވެ. މި ފަޔާ އެލާމުގައި ބޭނުންކޮށްފައިވާ ވަހަކީ ޖަޕާނުގައި ކެއުމަށް ބޭނުންކުރާ "ވަސާބީ" ގެ ވަހެވެ.
ފަޔާ އެލާމަކީ އާންމުކޮށް އަޑުގެ ޒަރިއްޔާއިން އަލިފާން ރޯވުމުން އެކަން ދެނެގަނެވޭނެ ގޮތަށް ފަރުމާ ކުރެވިފައި ހުންނަ ވަސީލަތެކެވެ. ނަމަވެސް ކަންފަތް ބީރު މީހުންނަށް އެ ވަސީލަތް ބޭނުން ނުކުރެވޭނެތީ ޖަޕާނުގެ ޔުނިވާސިޓީން އުފެއްދި ވަސާބީ ފަޔާ އެލާމުގައި، ބާރުގަދަ ވަހެއް އެކުލެވިގެންވެއެވެ. އަދި އަލިފާން ރޯވުމުން އެ އެލާމުން އެ ބާރުގަދަ ވަސް އެތަކަށް ފަތުރާލައެވެ. އަދި ނިދާފައި އޮތްކަމުގައި ވީނަމަވެސް، ވަސާބީގެ ވަހުގެ ބާރުގަދަކަމުން، ދިހަ ވަރަކަށް މިނެޓު ތެރޭގައި ނިދާފައި އޮންނަ މީހާވެސް ނިދިން ހޭލައްވާލައެވެ. އަދި ވަސާބީއަކީ ކެއުމަށް ބޭނުން ކުރާ ގުދުރަތީ އެއްޗެއް ކަމުން އޭގެން ސިއްހަތަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.
ވަސާބީ ފަޔާ އެލާމަކީ ހުރިހާ އުމުރެއްގެ އެންމެންނަށްވެސް ބޭނުން ކުރެވޭނެ ވަސީލަތެއްކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.