މިއީ މީގެ 40 ވަރަކަށް އަހަރު ކުރިން ކޭލަކުނުގައި ހިނގާފައިވާ ހަދިސާއެކެވެ. އެދުވަސްވަރަކީ ތަފާތު އެކިއެކި ގޮތްގޮތަށް ދިރިއުޅުން ކޮޅައްޖެހޭތޯ ކޮންމެ މީހަކުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ދުވަސްވަރެކެވެ. ކޭލަކުނަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ބޮޑު ފެހި ރަށެކެވެ. ދަނޑުވެރިކަން ކުރުމަށް ހ.ދ އަތޮޅުގެ ރަށެއް ކަމުގައިވާ ނެއްލައިދޫއިން އެދުވަސް ވަރު ކޭލަކުނު ހިޔާރު ކޮށްފައިވެއެވެ. މިހާދިސާއަކީ ކޭލަކުނަށް ނިސްބަތްވާ ތަފާތު ހާދިސާއެކެވެ.
ހ.ދ ނެއްލައިދޫ ރައްޔިތުން ކޭލަކުނަށް ދަނޑު ކޮށުމަށް ދިޔައެވެ. ދަތުރުގައި ވަރަށް ގިނަ ތުއްތު ކުދިންވެސް ބައިވެރިވި ކަމަށް ވެއެވެ. އެގޮތުން އެދަތުރުގައި ބައިވެރިވި ތުއްތު ފިރިހެން ކުއްޖަކު އެރަށުގައި ފަނުން ހަދާފައި ހުރި ގެއެއްގައި ނިންދާވާފައި އެކުއްޖާގެ މައިންބަފައިން ދަނޑު ކޮށުމަށް ދިޔައެވެ. ދަނޑު ކޮށުމުގައި އަވަދި ނެތި އުޅުމަށްފަހު އެތުއްތު ކުއްޖާގެ މައިން ބަފައިން އެ ފަން ގެޔަށް އެނބުރި ދިޔަކަމަށް ވެއެވެ. ނަމަވެސް އެކުއްޖާ ފެންނަން ނެތުމުން ހޯދުމުގެ މަސައްކަތް ފެށިއެވެ. ނެއްލައިދޫއާއި، ނައިވާދޫ އަދި ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން އެތައްބަޔަކު ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ރެއާއި ދުވާލު ކުރިކަމަށް ވެއެވެ. ބިގަރު އައްޔާއި ފާނޫޒު ގެ އަލިން މުޅި ކޭލަކުނުވަނީ ވޮށެއްފަދައިން އަލިކުރުވާފަކަމަށް ބުނެއެވެ.
މެދު ނުކެނޑި ތިން ދުވަސް މިގޮތަށް ކުރި މަސައްކަތުން ގެއްލުނު ކުއްޖާ ފެނުނު ކަމަށްވަނީ ފަތިހު އަތިރިއަށް ހާއްޖަތަކަށް ދިޔަމީހަކަށެވެ. އޭރު އެކުއްޖާ ހުރީ ބޮޑު ގަލެއްގައި ލެނގިލައިގެން ކަމަށްވެސް ބުނެއެވެ. މި ގޮތަށް މިކުއްޖާ ފެނުމުން، އެއީ ކިޔެވެލި ކިޔަވާ މީހުން އަންގާފައި ވާގޮތަށް ޖިންނީންގެ ކަމެއްކަމަށް ބަލައި، އެ ކުއްޖާގައިގައި އެއްވެސް މީހަކު އަތް ނުލާކަމަށް ވެއެވެ. އަދި ބަނގި ގޮވުމަށްފަހު ގެއްލުނު ކުއްޖާ ފެނުނުކަން އެހެން މީހުންނަށް އެންގިއެވެ. ހެއްދެވި ހާލުގަ ހުރި 3 އަހަރު ނުފުރޭ ތުއްތު ކުއްޖާ އެއަށްފަހު އެއްގަމަށް ގެނެވުނެވެ. ކުއްޖާގެ ގައިން އޭރު ދޮން އަނބުވަސް ދުވާކަމަށް ބުނެއެވެ. އަނގައިން އެކަމަށް ހެކި ދިން ކަމަށްވެއެވެ. ދަތު ދޭތެރޭގައި އަނބުގެ ނަރު ހުރިކަމަށްވެސް ބުނެއެވެ.
ދެންއޮތީ މިވާހަކައިގެ އެންމެ ތަފާތުކަންކަން ހިއްސާކޮށްލުމެވެ. ގެއްލުނު ކުއްޖާ ފެނުމުގެ ކުރިން ކުއްޖާގެ މަންމައަށް އެއްޗެއް ބުނާތީ އަޑުއިވުނުކަމަށް ވެއެވެ.
" އަހަރެން އެކުއްޖާ ގެންދިޔައީ އެއްވެސް ގޯނާއެއް ކުރުމަކަށް ނޫން. އެކަނި އެކުއްޖާ ދަނިކޮށް ފެނިގެން އެހީވުމުގެ ގޮތުން އަހަރެން އެކުއްޖާ ގެންދިޔައީ "
ބުނެވޭ ގޮތުގައި އެއީ މުއުމިނު ޖިންނިއެކެވެ. ގެއްލުނު ކުއްޖާ ގެއްލުނު އިރު ގައިގަ ލަކުނާއި މުލިހި ހުންނާނެ ކަމަށްވެއެވެ. އެއީ އެދުވަސްވަރުގައި އާންމުކޮށް ކުދިން ގައިގަ ނަގާ އެއްޗެހި ކަމަށް ގިނަބަޔަކުބުނެއެވެ. ކުއްޖާ ފެނުނުއިރު އެފަދަކަމެއްގެ ނިޝާނެއްވެސް ފެންނަންނެތް ކަމަށްވެއެވެ.
އެއަށްފަހު އެކުއްޖާ ކުޅުދުއްފުށީ ސިއްހީމަރުކަޒައް ގެންދެވުނޭ ބުނާތީ އަޑުއިވެއެވެ. އެހިސާބުން އެކުއްޖާއަކީ އެގެއްލުނު ކަމަށް ބުނާ ދުވަހުގެ ފަހުން އެރަށުން ސިއްހީ ހިދުމަތް ހޯދުމަށް މީހަކާއި އެކު ދިޔަ ކުއްޖެއް ކަމަށްވެސް ވެއެވެ.
މިހަދިސާ އަކީ ހަމަ ހަގިގަތުގައިވެސް ހިނގާފައިވާ ހާދިސާއެއްތޯ؟ ހަގީގަތުގައިވެސް އެކުއްޖާގެ ބެލެނިވެރިކަން ތިންދުވަހަށް ހަވާލުވީ މުއުމިނު ޖިންނިއެއްބާއެވެ. އަދި އެތުއްތު ކުއްޖާ ކަނޑު އުރަފަށު ގަލެއްގައި ލެގިގެން އިށީނދެ ހުރުމުގެ ބޭނުމަކީ ކޮބައިބާއެވެ. ޑޮކްޓަރަށް ދައްކަން އެކުއްޖާ ގޮވައިގެން ދިޔައީ އެމުއުމިނު ޖިންނިތޯއެވެ. މިއީ މިކަމާ ގުޅިގެން ހިތުގައި އުފެދޭ ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. ޔަގީންވާ ކަމަކީ އެބުނާ ކުއްޖަކު ގެއްލުނުކަމެވެ. އަދި ފަހުން ފެނުނުކަމެވެ. ފެނުނުއިރު ތަފާތު ކަންކަން އެކުއްޖާގެ ގައިން ފެންނަން ހުރި ކަމެވެ.