އަމާނާ ތަކަފުލް(މޯލްޑިވްސް) ޕ.ލ.ސ ގެ މެޑިކަލް އިންޝުއަރެންސް ކަސްޓަމަރުންނަށް ޓްރީޓޮޕް ހޮސްޕިޓަލު މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކަށް 'ކޭޝްލެސް ހިދުމަތް' މިއަދު ތައާރަފްކޮށްފިއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ޓްރީޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކަފުލާއި ދެމެދު މިއަދު ސޮއިކުރެވިފައިވާއިރު، އެ އެއްބަސްވުމުގައި އަމާނާ ތަކަފުލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ/ މެނޭޖިންގް ޑިރެކްޓަރު، ހަރީޒް ސުލައިމާނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އާދަމް ސަލީމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލާއި އަމާނާ ތަނަފުލްއާއި ގުޅިގެން ތައާރަފްކުރެވުނު މި ހިދުމަތުގެ ސަބަބުން އަމާނާ ތަކަފުލްގެ ކަސްޓަމަރުންނަށް އިންސުއަރެންސް ކާޑަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި މި ހިދުމަތުގެ ސަބަބުން އެއްވެސް ދަތިކަމަކާއި ނުލައި އަމާނާ ތަކަފުލްގެ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ލިބިގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން "ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ހޮސްޕިޓަލުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތައް ތައާރަފްކުރެވޭ ހިދުމަތްތައް ދެމެހެށްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި ގާތުން. އަޅުގަނޑުމެން އަބަދުވެސް ބަލާނީ ކަސްޓަމަރުންގެ މަންފާއަށް ހޮސްޕިޓަލުން ތައާރަފްކުރެވޭ މިފަދަ ހިދުމަތްތައް ދެމެހެށްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް" ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮފިޝަލަކު "ޖަޒީރާ"އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
110 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއި އެކު ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ.
މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު އެ ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކަށް ހެޔޮ ބަދަލެއް ގެނެސް އާސަންދައިގެ އިތުރުން އެހެނިހެން އިންސުއަރެންސް ލިބޭނެ ގޮތްތައްވެސް ހަމަޖައްސައިފައެވެ. އެގޮތުން މިފަހަކުން ޓްރީ ޓޮޕްއިން ވަނީ ސޮލަރެލް އިންސުއަރެންސާއި ގުޅިގެންވެސް "ކޭޝްލެސް"ގެ ހިދުމަތް ތައާރަފްކޮށްފައެވެ.