ތަރައްޤީއޭ ބުނުމުން ރައްޔިތުންނަށް ސިފަވާނީ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް ޔާމިން އިސްވެހުންނަވައިގެން އަލަށް އުފެއްދި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ތަރައްޤީއޭ ބުނުމުން ރައްޔިތުންނަށް ސިފަވާނީ ރައީސް ޔާމީން ކަމަށާއި، އެހެންކަމުން ދިވެހި ބަހުގެ ރަދީފުގައި ވެސް "ތަރައްޤީ"، މި ބަހުގެ މާނައިގެ ގޮތުގައި ހިމަނަންޖެހެނީ ޔާމީން ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ތަރައްޤީ އަކީ ބޮޑެތި ބްރިޖުތައް އެޅުމާއި، 25 ބުރީގެ އިމާރާތްތައް ހެދުންފަދަ ޢުމްރާނީ މަޝްރޫޢުތައް ހިންގުންކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކަކީ ބަގީޗާތަކާއި އިދާރާތަކުގެ ނަން ބަދަލު ކުރުން ކަމަށާއި، ރައްޔިތުން ބޭނުންވާ ފަދަ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގިފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން އަކީ ރާއްޖޭގެ ތަރައްޤީގެ ބާނީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އިއުތިރާފްވެވަޑައިގެންނެވިކަން ފާހަގަކުރައްވާ، އަބްދުއްރަހީމް ވިދާޅުވީ، އޭގެ ހެއްކަކީ އަތޮޅުތަކަށް ވަޑައިގެން ބްރިޖު އަޅުއްވާނެ ކަމުގެ ވާހަކަ ދެއްކެވުން ކަމަށެވެ.
އަދުގެ ސަރުކާރަށް، ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދިން ތަރައްޤީ އާއި ގާތަށް ވެސް ތަރައްޤީ ނުގެނެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.