އިހުގެ ދިވެހިންގެ ފަރާތުން ވަރަށް އާންމުކޮށް ފެނުނު މަންޒަރެކެވެ. މިހާރުވެސް ރަށްފުށުގައި ރަށުގެ އިސް ރަށްވެހިންގެ ފަރާތުން ފެންނަ މަންޒަރެކެވެ. އަރައިގެން އަންނަ އިރުގެ ދޯދިތަކަށް މަރުޚަބާ ކިޔުމަށް ހާމަ ތަންތަނުގައި ތިބުމަކީ ސިއްޙީ ގޮތުން ފައިދާ ތަކެއް ލިއްބައިދޭ ކަމެއްކަމަށް އެވެރިން ބުނެއެވެ. އެ ވަގުތަކީ ބޭސް އަވި ދޭ ވަގުތޭވެސް ބުނެއެވެ. އުފަންވާ ތުއްތު ކުދިން ހެނދުނުގެ އެވަގުތު އަތްވަށް ނެރެ ހަދައެވެ.
އަސްލުވެސް އެ ވަގުތު ދޭ އަތްވަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއްވާ އެއްޗެއްކަން ސައިންސްވެރިން މިވަނީ ހާމަ ކޮށްފައެވެ. ކެންސަރު ބަލި ފަދަ އެތަށް ބައްޔަކަށް ހުރި ފަރުވާއެއްކަމުގައި މިވަނީ ހާމަ ކޮށްފައެވެ.
- ކެންސަރު ބައްޔަށް ފަރުވާއެއް
ހުރަހެއްނެތި ގިނަ ވަގުތު އަވީގައި އުޅުމަކީ ހަމުގެ ކެންސަރަށް ހުށަހެޅޭ ކަމަކަށް ވީނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލަކު ކުޑަ ވަގުތުކޮޅެއްގައި އަވީގައި އުޅުމަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން އެކަން ކުރަން އެންމެ ރަނގަޅު ވަގުތަކީ އަރައިގެން އަންނަ ދޯދިތައް ލިއްބައިދޭ ވަގުތު ކަމުގައި އެ ފަރާތްތަކުން ހާމަކުރެއެވެ. އެ ދޯދިތަކުގައި ވިޓަމިން ޑީ ތްރީ ގެ މާއްދާ އެކުލެވުމުގެ ސަބަބުންނެވެ.
- ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ލިއްބައިދޭ
ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ވިޓަމިން ޑީ ލިއްބައިދޭ ކާނާ ކެއުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ވިޓަމިން ޑީ އެންމެ ގިނައިން ލިބޭ އެއްޗެހީގެ ތެރޭގައި އެއްގަމު މަސް، މަޝްރޫމް، ކިރު، ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. ނަމަވެސް މި ތަކެތި ކެއުމުން ލިބޭ ވަރަށް ވުރެ ގިނައިން ހެނދުނުގެ ވަގުތު އެ ލިބޭ ބޭސް އަވީގެ ސަބަބުން ހަށިގަނޑަށް ވިޓަމިން ޑީ ލިބޭ ކަމަށް ކަމުގެ މާހިރުންވަނީ ބުނެފައެވެ. ވިޓަމިން ޑީ ހަށިގަނޑަށް ލިބުމުގެ ސަބަބުން ހަށިގަނޑުގައި ކެލްސިއަމް ދައުރުވުމަށް އެހީވެދިނުމާއި، ކަށި ވަރުގަދަ ކޮށްދިނުމާއި، ނޭވާލުމުގެ ނިޒާމަށް އެތަކެއް ފައިދާތަކެއް ވެއެވެ.
- އެހެނިހެން އެތަށް ބައްޔެއްގެ ފަރުވާއެއް
ވިޓަމިން ޑީ ހަށިގަނޑަށް ލިބުމުގެ ސަބަބުން ނޭވާ ހިއްލުމާއި، ހަކުރުބަލިތަކާއި، ލޭ މައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކާއި، އިންފެކްޓްވުމާއި، ރާއްޖެބަލި ފަދަ ބަލިތަކަށްވެސް ހުރި ފަރުވާއެއް ކަމަށް މިކަމާ ބެހޭގޮތުން 2008 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކައެވެ.
- މީހާ ތާޒާކޮށްލައިދޭ
ކޮންމެ ދުވަހެއްގެ އެއް ވަގުތެއްގައި ހޭލައި، އަވީގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ސަބަބުން ތާޒާކަމާއެކީ ދުވަސް ފެށުމަށް އެހީ ވެދެއެވެ. އޭގެ ސަބަބުން ބޭކާރު ވިސްނުންތަކުން މީހާ ދުރުކޮށްދެއެވެ. އަދި އެ ދުވަހެއްގެ ކަންކަން ވަކި ތަރުތީބަކުން ގެންދިޔުމަށް އެހީތެރިވެދެއެވެ. އަދި މަސައްކަތުގެ މާހައުލުގައާއި ގޭތެރޭގައި 'ސްޓްރެސް' ވުން ކުޑަ ކޮށްދެއެވެ.
މި ދެންނެވި ފައިދާތައް ލިބޭ ވަގުތަކަށް އެ ވަގުތު ވީނަމަވެސް އެކަމުން ދިމާ ވެދާނެ މައްސަލަ ތަކެއް ވެސް އެބަ ހުއްޓެވެ. ގިނަ ވަގުތު އަވީގައި އުޅުމުގެ ސަބަބުން ހަމުގެ ކެންސަރަށް މަގު ފަހިކޮށްދެއެވެ. އެހެންކަމުން ހެނދުނު އަވީގައި އުޅެން އެންމެ ރަނގަޅީ 10 ނުވަތަ 15 މިނެޓް ކަމަށް ކަމުގެ މާހިރުން ލަފާދެއެވެ. އަދި އެއަށްވުރެ ގިނަ ވަގުތު އަވީގައި އުޅޭ ނަމަ، ސަން ސްކްރީން ލޯޝަން ބޭނުންކުރަން ޖެހެއެވެ. އެހެނީ ލިބެން ވާވަރަށް ވުރެ ގިނައިން ވިޓަމިން ޑީ ހަށިގަނޑަށް ލިބުމަކީވެސް ނުރައްކަލެކެވެ. އެހެންކަމުން މިކަމުގައިވެސް ސަމާލުވާން އެބަ ޖެހެއެވެ.
އެހެންކަމުން، އިހުގެ ދިވެހިންގެ ސިއްޙީ ހާލަތު ނުވަތަ ދުޅަހެޔޮކަން މިހާރުގެ މީހުންނާއި އަޅާ ބަލާއިރު ރަނގަޅީ މި ކަހަލަ ކަންކަމުގެ ސަބަބުންނޭ ބުނެވިދާނެއެވެ. އަދި މިހާރުވެސް މިކަހަލަ ކަންކަން ދިރުވާ އާލާ ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ފައިދާތަކެއް ވާނެކަމީ ތެދު ހަގީގަތެކެވެ. އިހުގެ ކަމެކޭ ބޯދާ ކަމެކޭ ބުނެ އެއްލައި މިލެވެނީ ހަމަ ރަނގަޅުކަމެކެވެ.