މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި ވޯޓުލުމަށް ބަހައްޓާ ފޮށިތައް ބެލެހެއްޓުމަށް އެޕާޓީއަށް ނިސްބަތްވާ ވަޒީރުންވެސް ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީއިން ނިންމައިފި އެވެ.
އެ ކޮމިޓީއިން ނިންމާފައިވަނީ މިފަހަރުގެ ޕްރައިމަރީ ގައި އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުންނާއި، ނައިބުންނާއި، ދައުލަތުގެ ވަޒީރުންނާއި އަދި ސަރުކާރުގެ ކުންފުނި ތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އެންމެހާ ބޭބޭފުޅުން މިކަމުގައި އަމަލީގޮތުން ބައިވެރި ކުރުވުމަށެވެ.
އެމްޑީޕީ އިން މިގޮތަށް ނިންމާފައި މިވަނީ ، އެމްޑީޕީގެ ދާއިރާ ތަކުގެ ރައީސުން ނާއި ޕާޓީގެ އެންމެހާ އިސްވެރިން މި އިންތިހާބުގައި ވާދަކުރެއްވުމުގެ އިތުރަށް، އެބޭބޭފުޅުން ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް ނިނަމަވާފައި ވާތީވެ، ވޯޓުފޮށިތަށް ބެލެހެއްޓުމަށް އިތުރު މައްސޫލުވެރިން ނެގުމުގެ ގޮތުންނެވެ. މީގެ އިތުރުން ޕްރައިމަރީ އަކާއި ނުލާ އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ދާއިރާ ތަކުގެ ކެންޑިޑޭޓުންވެސް ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހަރަކާތްތެރި ވާގޮތަށްވެސް ވަނީ ނިންމަވާފައެވެ.
މިފަހަރު އެމްޑީޕީ ޕްރައިމަރީގައި 269 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައި ވެއެވެ.