އޮޑިއެއް އޭގެ ޙަޤީޤީ މަންޒިލާ ހިސާބަށް ދަތުރު ކުރެވޭނީ އެ އޮޑީގައި ރަނގަޅު މާލިމީއެއް ހުރެގެންނެވެ. ހަމަ އެ ގޮތަށް ޤައުމެއް ނުވަތަ ރަނގަޅު މުޖުތަމަޢެއް އުފެދިގެން ދާނީ އެ ޤައުމުގައި ނުވަތަ އެ މުޖުތަމަޢުގައި މިފަދަ ބައެއް ތިބެގެންނެވެ.އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން އަދި އިލްމީގޮތުނާއި އެހެނިހެން ގޮތްގޮތުންވެސް ތަނެއް ތަރައްގީވެ ކުރިއަރައިދާނީ އެ ތަނެއްގައި ކެރޭ ގާބިލު ބަޔަކު އުފެދިގެންނެވެ. އެގޮތުން އަންހެނުންނަކީ ޤައުމުގެ ތަރައްގީއަށް ވަރަށްމުހިންމު ބައެކެވެ. އަންހެނުންގެ ހިއްސާއާއި ނުލައި އެއްވެސްކަމެއް ނުކުރެވޭނެ އެވެ. ހާއްސަކޮށް ޤައުމެއް ކުރިއެރުވުމުގައި އަންހެނުންގެ ހިއްސާ ވަރަށްބޮޑެވެ.

އަހަރެމެން އިސްލާމް ދީނަކީވެސް އަންހެނުންގެ އަގު މަތިވެރި ކުރާ އަންހެނުންނަށް ހިމާޔަށްދީ އެ ކަބަލުންގެ ޙައްޤުތަށް ރައްކާތެރި ކުރުމަށް ގޮވާލާ ދީނެކެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދާ އެއް ކަމަކީ އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދު ކަންތަށް ކުރެވެމުން އައި ގޮތެވެ. އޭރު އަންހެނުންގެ ދިރިއުޅުމުގައި ހުރިހާ ބާރެއްވެސް އޮތީ ފިރިހެނުންގެ އަތް މަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އޮތް ބައެއް ނޫނެވެ. ކުޑަ މިނުން އޭރު އެކަނބަލުންނަކީ އެއްވެސް ކަހަލަ އިޙުތިރާމެއް ލިބިގެންވީ ބަޔެއްނޫނެވެ.

އެ ޒަމާނުގައި އެކަނބަލުންނަކަށް ވާރުތަ މުދަލުން އެއްވެސް ޙައްޤެއް ލިބިގެނެއް ނުވެއެވެ. ހުރިހާ ކަމެއް ނިމިގެންދަނީ ފިރިހެނުން ބޭނުންވާ ގޮތަށެވެ. ފިރިހެނުންގެ ނަޒަރުގައި އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެ ފަދަ ފިރިހެނުންތަށް އަންހެނުންނާއި މެދު ދެކެމުން އައީ ނަފްރަތުގެ ނަޡަރަކުންނެވެ. މީގެ އެއް ހެއްކަކީ އެފަދަ ފިރިހެނުންނަށް އަންހެން ދަރިޔެއް ލިބިއްޖެ ނަމަ މޫނު މަތި ވަގުތުން ބަނަ ވެގެންދާ ކަމެވެ. ދިރި ތިއްބާ އެ އަންހެން ކުދިން ވަޅުލަމުން ދިޔައި ހިތުގައި އެއްވެސް ކަހަލަ ކުލުނެއް ނެތް ހާލުގައެވެ.

އައްނަޙްލު ސޫރަތުގެ 58-59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. އަދި އެއިން މީހަކަށް،އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ."

ނަމަވެސް އޭރާ މިހާރު ވަރަށް ވެސް ތަފާތެވެ. މުޖުތަމަޢުގައި އަންހެނުންނަށް އިޙުތިރާމާއި ޤަދަރު ކުރެއެވެ. ޤައުމުގެ އެކި އިސް މަޤާމް ތަކުން އަންހެން ކަބަލުން ފެންނަމުން ދާ ކަމީ އުފާކުރަންޖެހޭ ކަމެކެވެ. މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުން ވަނި ހަމަ ހަމަ ވެގެންނެވެ. ނަމަވެސް ފިރިހެނުންނަށް ވުރެން އަންހެނުންގެ ގެ ޤަދަރު އެއް ދަރަޖަ ނަމަވެސް މަތިވާން ޖެހެއެވެ.

ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަންނަން އޮތް ޖީލުތަކުގައި ޤައުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރުމަށް ތިބި މިއަދުގެ ކުޑަކުދިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބައްޓަން ކުރުމުގެ ޒިންމާ އުފުލަނީ އަންހެނުންނެވެ. ހަމައެހެންމެ ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނެއް ހުންނައިރު ދިރިއުޅުން ބާއްޖަވެރި ކުރުމުގައިވެސް އަންހެނުންގެ މުހިންމު ދައުރު ހާމަވެގެންދެއެވެ. މީގެއިތުރުންވެސް ދިރިއުޅުމުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ޚިއްސާ ބޮޑުކަން ފާހަގަކުރަންޖެހެއެވެ.

ނަމަވެސް ފަހަނގަ ކޮށްލަންޖެހޭ ކަމަކީ މުޖުތަމަޢުގައި އަންހެނުން ކިތަންމެ ބާރުވެރި ކުރުވިޔަސް، ކިތަންމެ މިނިވަންކަމެއް ދިނަސް އަދި ފިރިހެނުންނާ ހަމަހަމަ ކުރިކަމުގައި ވިޔަސް އެ ކަނބަލުންނަށް ވެސް އުޅެންޖެހޭ މިންގަޑު ތަކަކާއި ހައްދު ތަކެއް އޮންނަން ޖެހޭނޭ ކަމެވެ.

އެނކަބަލުންގެ ޢިއްފަތްތެރިކަން ރައްކާތެރިކޮށް އަމިއްލަ ނަފްސު ޖާހިލު ކަމުގެ އަނދިރީގެ ތެރެޔަށް ވެއްޓުމުގެ ކުރިން އެނގެން އެބަޖެހެއެވެ. ބެލުން ތިރިކުރުމާއި ފަރުޖަށް ރައްކާތެރިވުމަކީ ފިރިހެނުން ފަދައިން އަންހެނުންނަށް އައިސްފައިވާ ޙުކުމެކެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. " މުއުމިން ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތަށް ރައްކައުތެރިކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ. އެ ގޮތް އެބައިމީހުންނައްޓަކައި ޠާޙިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެބައިމީހުންކުރާ ކަންތަށް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުން ތިރިކުރުމަށާއި، އެކަނބަލުން ގެ ފަރުޖުތައް ރައްކައުތެރި ކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ."

އެހެންކަމުން މުޖުތަމަޢުގައި އަންހެން ކަނބަލުން އެ، ކަނބަލުންގެ އަބުރު ރައްކާތެރިކޮށް މުޖުތަމަޢަށް ރަނަގަޅު ގޮތުގައި ޚިދުމަތް ކުރަންޖެހެއެވެ.

ގުދްސިއްޔަ ޙަދީޘެއްގައި ރަޙިމް އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (مَنْ وَصَلَكِ وَصَلْتُهُ ، وَمَنْ قَطَعَكِ قَطَعْتُهُ) މާނައަކީ: "ރަޙިމްގެ ގުޅުން ދަމަހައްޓައިފި މީހަކަށް ތިމަން ﷲ ގުޅުން ދަމަހައްޓަވާނަމެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާލައިފި މީހަކާ ތިމަން ﷲ ގުޅުން ކަނޑުއްވާ ހުށީމެވެ".

އަންހެނެއްގެ ކިބައިގައި މިހުރިހާ ޞިފަތަކެއް އެއްވުމަކީ ގާތް ކަމެކެވެ. އޭނާ އަކީ އަންހެން ކުއްޖެކެވެ. ދައްތަ އެކެވެ. މަންމައެކެވެ. ބޮޑުދައިތަ އެކެވެ. މިހުރިހާ ޙައްޘިއްޔަތެއް އެއްވުމުން އަންހެނާ އަށް ކޮންފަދަ ބޮޑު ދަރަޖައެއްތޯއެވެ؟

އެހެންކަމުން، އިސްލާމްދީނުގައި ވަނީ އަންހެނާގެ މަގާމާއި ދަރަޖަ އުފުއްލަވާފައެވެ. އަދި އަންހެނުންނާއި ފިރިހެނުން ގިނަ ކަންތައްތަކެއްގައި ހަމަހަމަ ކުރެއްވިއެވެ. ފިރިހެނުންނާއި އެއްގޮތަށް އަންހެނުންވެސް ﷲ އަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރަންޖެހެއެވެ.

އަދި އާޚިރަތުގެ ޖަޒާ ހަމަހަމަ ކުރެއްވިއެވެ. ބަސްބުނުމުގެ ޙައްގު އެކަނބަލުންނަށް ދެއްވިއެވެ. ﷲ ގެ މަގަށް ގޮވާލާ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމަށް އެންގެވިއެވެ. ވިޔަފާރި ކުރުމުގެ ޙައްގު ދެއްވިއެވެ. ވާރުތަ މުދާ ލިބުމުގެ ޙައްގު ދެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްގު ދެއްވިއެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްގު ދެއްވިއެވެ.

އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *