ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނައިބު، ސުއޫދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކުރެވޭ މަސައްކަތަށް ވަރަށް އުފާވާ ކަމަށާއި 2014 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު ކުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ވަނީ ރިލްވާންގެ މައްސަލައި ގައި ކަންކަން ހިނގާފައިވާ ގޮތާމެދު ސުވާލުއުފައްދައި ބޯޑްތަކެއް ހިފައިގެން، ރިލްވާނުގެ އާއިލާއިން އިސްވެހުރެ ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި ސުއޫދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މަރުތައް ބަލާ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވަނީ މަޝްހޫރު އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އޮތީ ގުޅިފައި ކަމަށާއި ރިލްވާން މައްސަލާގައި ދުވަސްވެ، މާހައުލު ބަދަލުވުމުގެ ސަބަބުން ކުރިން ނުބެލި ހުރި އާ ކަންތައްތަކެއް ބަލަން ފެށިފައި އެބަހުރި ކަމަށެވެ.
ސުއޫދު ވިދާޅުވީ މަރުތަކާއި ގެއްލުވާލައިވާ މީހުންގެ ހަގީގަތް ހޯދާ ކޮމިޝަނާއި ހަވާލުކޮށްފައިވާ ހުރިހާ މައްސަލައެއް އަންނަ އަހަރު އޭޕްރިލް މަހު ތަހުގީގުކޮށް ނިންމާނެ ކަމަށެވެ.