ބާ އަތޮޅުގައި ހިންގާ ރީތި ބީޗް އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދާން އޭރިއާ ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ލިބިފައި ވަނީ މިއަދު މެންދުރު 11.00 ހާއިރުއެވެ.
ރިސޯޓުގެ އިންޖީނުގޭގައި އަދި ވޯކްޝޮޕްގައި ވަނީ އަލިފާން ރޯވެފައެވެ. އަދި ރިސޯޓުގެ ފަޔާ ޓީމް ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަލިފާން ރޯވެފައިވަނީ ރިސޯޓުގެ އެތެރޭގައި ކަމަށާއި، އެއްވެސް ފަތުރުވެރިއަކަށް އަލިފާނުގެ އަސަރު ކޮށްފައިނުވާ ކަމަށްވެސް ރިސޯޓުގެ މެނޭޖެމެންޓުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށައި، ރިސޯޓުގައި ތިބި ފަތުރުވެރިން ރައްކާތެރި ތަނަކަށް ބަދަލު ކުރަން ޖެހޭނަމަ، ރީތި ބީޗް ރިސޯޓުގެ މެނޭޖްމެންޓެގެ ފަރާތުން އެކަން ކުރާނެކަމަށް ރީތި ބީޗް ރިސޯޓުން މައުލޫމަތު ދެއެވެ.
އަލިފާން ރޯވުމުގެ ސަބަބުން ރިސޯޓަށް ލިބިފައިވަނީ ކިހާވަރެއްގެ ގެެއްލުމެއްކަން އަދި ސާފު ނުވާ ކަމަށާއި، އަލިފާން ރޯވާން ދިމާވި ސަބަބުވެސް އަދި ހޯދިފައި ނުވާ ކަމަށް އެ ރިސޯޓުގެ މެނޭޖްމެންޓުން މައުލޫމާތު ދިނެވެ.