ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭ މަގުތަކުގެ ދުވާރު ކަައިރީ ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރު ހުސެއިން ޝަރީފް އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އަށް މައުލޫމާތު ދިން ގޮތުގައި މަގެއްގައި އެތަށް ބައިވަރު ޕެލެޓު ޖަހާ ޕާކު ނުކުރެވޭ ގޮތަށް ހަދާފައި ހުންނާތީ އާންމުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާ ކަމަށެވެ.
"ބައެއް ގެތަށް އެބަހުރި ޕެލެޓު ބަހައްޓަން ޖެހޭ، އެއީ ބަލި މީހުން އުޅޭތީ، ދެން ބޮޑެތި ގަރާޖުތައް ވެސް އަޅުގަނޑުމެން ނުނަގަން މިއަދު، އެކަމަކު ގިނަ ފަހަރަށް ޕޭމަންޓަށް ދަނގަޑު ބޯލްޓުތައް ޖަހައިގެން އެބަހުރި ޕެލެޓު ޖަހާފައި، މި ގޮތަށް ހުރުމުން ގިނަ ބަޔަކަށް އުނދަގޫވޭ،" ޝަރީފް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން "ޖަޒީރާ"އިން ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާދީ ވަނީ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.
ގަވައިދުގައި އޮންނަ ގޮތުން ހުއްދައަކާއި ނުލައި މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު ފެށި މަސައްކަތުން ބޮޑު ހަ ލޮރީ ފުރާ ޕެލެޓު ވަނީ މަގުތަކުން ނަގާފައެވެ. މާލޭ ސިޓީ ކައުންސިލުން މަގުތަކުގައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މަގުމަތީގައި އޮތް ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިންދައިގެންވެސް ގޮސްފައެވެ.