ހިންނަވަރާއި ނައިފަރު ކުރިޔަށް އޮތް ފަސް އަހަރުތެރޭގައި ގުޅުވާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި ވާދަ ކުރައްވާ ޖީހާން މުހައްމަދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޅ. އަތޮޅަށް އެމްޑީޕީގެ ބޮޑުު ޕްލޭނެއްގެ ދަށުން ހިންނަވަރާއި ނައިފަރު ގުޅާލަން ބޭނުންވާ ކަމަށާއި އެ ދެމެދުގައި ހުރި ރަށްތަކާއި އެކީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގުޅާލާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ އަމާޒަކީ ހިންނަވަރާއި ފެލިވަރާއި މަޑިވަރާއި އަދި ނައިފަރު އެއް މަގަކުން ގުޅުވާލުން، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަމާޒު މި ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ވެގެން ދާނެ.." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ހިންނަވަރު ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ފުރުސަތު ސަރުކާރުން ހޯދާދޭނެ ކަމަށާއި، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ދިހަ ހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ހިންނަވަރު ފެނިގެންދާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ..
އެގޮތުން ނަޝީދު ވިދާޅުވީ، ދިހަ ހާސް މީހުންގެ އާބާދީއެއް ހިންނަވަރުގައި އާރާސްތު ކުރުމަށް އިތުރު ކަމެއް ކުރާކަށް ނުޖެހޭ ކަމަށެވެ. އަދި އެ އަތޮޅުގައި އިގްތިސާދީ ހަރަކާތްތަށް ހިނގާކަމަށާއި، ނަމަވެސް މައްސަލަ ދިމާވަނީ ކައިރި ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްތަށް އިގްތިސާދީ ގޮތުން ގުޅިފައިނުވާތީ ކަމަށެވެ. އެގޮތުން ކޮންމެ ރިސޯޓެއްގައި ވަޑައިންގެއާއި، ވޯކްޝޮޕާއި، ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަ ކަމަށާއި، ނަމަވެސް ރައްޔިތުން ދިރިއުޅޭ ރަށްރަށާއި މިކަންކަން ގުޅިފައި ނެތުމީ ދުނިޔޭގައި ކަން ހިނގާގޮތް ނޫން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
"...ކޮންމެ ރިސޯޓެއްގައި ވަޑައިންގެ އެބަހުރި، ކޮންމެ ރިސޯޓެއްގައި އިންޖީނުގެ އެބަހުރި، ކޮންމެ ރިސޯޓެއްގައި ވޯކްޝޮޕާއި ރެސްޓޯރަންޓު އެބަހުރި، މިއިން އެއްވެސް ކަމެއް މީހުން ދިރިއުޅޭ ރަށަކާ ގުޅިފައެއް ނުވޭ، ނަމަވެސް މިއީ ދުނިޔޭގައި ކަން ހިނގާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، ހިންނަވަރުގައި ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރި ތައާރަފް ކުރާނެ ކަމަށާއި އޭގެ ފައިދާ ލަސްތަކެއް ނުވެ ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
މި ޖަލްސާގައި ކުރީގެ ރައީސް ނަޝީދުގެ އިތުރުން، މާލޭ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ޝިފާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.