ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި، އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މީހުން ވައްދާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް އިއްޔެ ޕީއެންސީގެ ފަރާތުން 4،000 ފޯމު ހުށަހެޅުމާއެކު، ވަރަށް ގިނަ ޝަކުވާތައް އާމުންގެ ފަރާތުން ލިބެން ފަށާފައި ވާކަމަށެވެ.
"ޕީއެންސީގެ ފޯމުތައް ހުށަހެޅުމާއެކު ވަރަށް ބައިވަރު ފޯންކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ތަފާތު ގޮތްގޮތަށް، ލިޔުމުން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅެމުން އެބަދޭ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެބޭފުޅުންގެ ހުއްދައެއް، އެއްވެސް ކަހަލަ ކޮންސެންޓެއް ނެތި އެބޭފުޅުންގެ ނަމުގައި ފޯމުތަކެއް ފުރައިގެން ލާފައިވާ ކަމަށް ތިމަންނަގެ ނަން އޭގެ ތެރޭގައި އޮތްތޯ ނެތްތޯ ޗެކްކޮށްލަން އަޅުގަނޑުމެންނަށް ހުށަހެޅެމުން އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.