ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކުރީ، ގޭ ބަންދަށް ބަދަލުކުރަމުން ވެވިފައިވާ އިގުރާރާ ހިލާފަށް އަމަލުރުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ސިއްހީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލުކުރަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތަށް ބަދަލުކުރެވޭ ހާލަތްތަކުގައި ގައިދީއާ އެ ގައިދީންނާ ހަވާލުވާ ފަރާތުން ވަކިކަންކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުވާ ކަމަށެވެ.

އަދި އެ އިގުރާރާ ހިލާފުވުމުގެ ސަބަބުން އަދީބު ޖަލަށް ބަދަލުކުރިއިރު އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.

އިތުރަށް ބަޔާނުގައި ވާ ގޮތުގައި، އަދީބަށް އައިޖީއެމްއެޗުން ފަރުވާދިނުމަށްފަހު ޔޯރޮލޮޖީގެ ހާއްސަ ޑޮކްޓަރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަކިގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ލިއުމެއް ލިބިފައިވާ ކަމަށާއި، ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ވަކި ހާއްސަ މާހައުލެއް ފޯރުކޮށްދިނުމާމެދު ރިއާޔަތްކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ކަރެކްޝަނުން ބުނީ އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވުމުން ކަމަށެވެ. އަދި "ގޭބަންދުކުރާ ގާއިދީއާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިގުރާރު" ގައިވާ ގަވައިދާ ހިލާފަށް އަދީބު އަމަލުކޮށްފައިވާތީ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.

އަދީބު ވަނީ ޖަލަށް ބަދަލުކޮށްފައިވާ މުއްދަތުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީއެއް އަދީބު އުފައްދަވާ، އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީވެސް، އެ ޕާޓީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އަހުމަދު އަދީބެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގަމާކަށް ހުކުމް ތަންފީޒުކުރާ މީހަކަށް ނާދެވޭނެ ކަމަށް ގާނޫނު އަސާސީގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *