ބުރިޖު ހުރަސްކޮށް ސައިކަލުގައި ކުރާ ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރު ކުރާނަމަ ހެލްމެޓް އެޅަން ޖެހޭނެ ކަމަށެވެ.
"އެއީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކުރާ ކަމެއް،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ތާރީހުގެ ފަހުން ހެލްމެޓް ނާޅާ ބުރިޖު މަތިން ސައިކަލުގައި ދަތުރު ކުރާ ފަރާތްތަށް ޓްރެފިކް ޕޮލިހުގެ އެހީތެރިކަމާއި އެކު ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަނަން މަހުގެ ދެ ވަނަ ހަފްތާގައި ހެލްމެޓް އެޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކެމްޕޭނެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކެމްޕޭނުގެ ތެރޭގައި ބައެއް ފަރާތްތަކަށް ހިލޭ ހެލްމެޓު ބެހުމަށް ނިންމާފައިވާ ކަމަށެވެ.
ބުރިޖާއި ހައިވޭގައި ނުރައްކާތެެރި އެކްސިޑެންޓްތައް އިތުރުވެފައިވާއިރު އެ އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ހެލްމެޓުގެ ސަބަބުން ކުޑަކޮށްދޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ދެކެއެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައި، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.