ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި މީޓަރު ހަރުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ޓްރާންސޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރަން ކަމަށާއި އެހެންކަމުން އެކަން އެގޮތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭއްވި ފޯރަމުގައިވެސް ގިނަ ރައްޔިތުން ބޭނުންވީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން. މިސަރުކާރަކީ ރައްޔިތުންގެ ބަސް އަހާ ސަރުކާރެއް. އެހެންކަމުން އަޅުގަނޑުމެން މި ނިންމީ އެގޮތައް" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ ބޯޑުތަކުގައި މީޓަރު ހަރުކުރާނީ ރައްޔިތުންނާއި ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކޮށް އެއްވެސް ފަރާތަކަށް ދަތިނުވާ ގޮތެއްގެ މަތިންކަމަށެވެ. ނަމަވެސް ޓެކްސީ ތަކުގައި މީޓަރު ހަރުކުރާނެ ސީދާ ތާރީހެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
ޓެކްސީތަކުން ބުރިޖު ހުރަސްކޮށް ކުރަމުންދިޔަ ދަތުރުތަކަށް ބޮޑެތި އަގުތައް ނަގަމުންއައި މައްސަލާގައި ފުލުހުން ޓެކްސީތައް ހުއްޓުވަން ނިކުތުމުން ޑްރައިވަރުން ވަނީ ބުރިޖު ދަތުރުތައް ހުއްޓާލާ އިހުތިޖާޖު ކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ޓެކްސީ ދަތުރުތަކަށް ނަގާނެ އަގެއް ކަނޑައެޅުމަށް މިފަހަކުން ވަނީ ދަރުބާރުގޭގައި ފޯރަމެއްވެސް ބާއްވައިފައެވެ.