ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ވާހަކަ ތަކަކީ މިދުވަސްވަރު އާއްމުންގެ މެދުގައި އެންމެ މަގުބޫލް ވާހަކަ ތަކެކެވެ. ވެރިކަން ލިބިވަޑައިގަތުމުގެ ކުރީގައިވެސް ރައީސް ޔާމީނުގެ މައްޗަށް ގިނަބަޔަކު މިފަދަ ތުހުމަތުތަކެއް ކުރިއެވެ. އޭގެ ތެރެއިންވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއްގެ ވާހަކަ އަކީ އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައެވެ.
އެއްބައްޕާފުޅު ބޭބެގެ ނިވަލުގައި ހުންނަވައި ސިޔާސީ ހަޔާތް ފެއްޓެވި ޔާމީނު، ސިޔާސީ ޕާތީތައް ރާއްޖޭގައި އުފައްދަން ފެށުމާއިއެކު ބޭބޭފުޅު ދޫކޮށްލައްވައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. މާބޮޑު ކުރިއެރުމެއް ނުލިބި ރައީސް ޔާމީނު އުފެއްދެވި ޕާޓީގެ ޖަނާޒާ ބާއްވަން ޖެހުމާއިއެކު، ދެން ފެއްޓެވީ ބޭބޭފުޅު އުފައްދަވައިގެން އުޅުއްވި ޕާޓީ ޙަރާބު ކޮށްލުމުގެ މަސައްކަތް ތަކެވެ. ބޭބޭފުޅުގެ ޕާޓީވެސް އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރި ކޮށްލުމަށްފަހު، ދެބަފައިން އެކުގައި ހަށިފޮޅާލައި ނިކުންނެވީ މުޅިން އާ ސިޔާސީ ޕާޓީއެއް ވުޖޫދު ކުރުމުގެ މަސައްކަތުގައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އުފެއްދެވުމަށްފަހު 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބާއި ކުރިމަތިލީއިރު، ޕާޓީ ތެރޭގައި ޕާޓީރޫހު އޮތީ އޭގެ ކުންނުގައެވެ. ޕާޓީގެ ޓިކެޓް ހިއްޕަވައިގެން، ބޭބޭފުޅު ރައީސް މައުމޫނުގެ ހިޔަނީގެ ތެރޭގައި ހުންނަވާ ރިޔާސީ ރޭހަށް ނިކުމެ ވަޑައިގެންނެވީ ރައީސް ޔާމީނެވެ. އޮޅުންބޮޅުން ބޮޑު މި އިންތިހާބު ކުޑަކުޑަ ތަފާތަކުން ރައީސް ޔާމީނަށް ކާމިޔާބު ކުރެވުމާއި އެކުހެން ދެން ފެއްޓެވީ، ސިޔާސީ ގޮތުން އެމަނިކުފާނާއި ވާދަކޮށްފާނެ ކަމަށް ޤަބޫލު ކުރެވުނު އެންމެހާ ފަރާތްތައް އެއްފަރާތް ކޮށްލުމުގެ މަސައްކަތެވެ. މިކަމުގައި ދޮށްޓެއް، ހަގެއް، އެއްބަނޑެއް، އެއްބަފައެއް ބެލުމެއް ނެތެވެ.
އެންމެފަހުން ތިމާއަށް ކާންބޯންދީ، ކިޔަވައިދީ، އުނުއޮރިޔާން ނިވާކޮށްދީ، ނުވިތާކަށް ވެރިކަމާއި، ޖާހާއި، ޝަރަފް ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތް ޤުރުބާނީއެއްވި ބޭބޭފުޅު ރައީސް މައުމޫނު ވެސް ހައްޔަރުކޮށް ޖަލުގެ ކުޑަގޮޅި އަށް ލައި ނިންމާލައިފިއެވެ.
ރައީސް ޔާމީނު އަމިއްލަފުޅަށް ހޯއްދަވައިގަތް ސިޔާސީ އެކަނިވެރި ކަމެއްގެ ތެރޭގައި ހުންނަވައި، ދެން ކުރިމަތި ލެއްވެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއެވެ. ކުރިން އަރިހުގައި ތިއްބެވި ހަރުދަނާ އެކުވެރިންނާއި، ތަޖުރިބާކާރު ބޭބޭފުޅާއި އާއިލާއެއް ވެސް މިފަހަރަކު ނެތެވެ. އޭގެ ބަދަލުގައި މިފަހަރު އެމަނިކުފާނުގެ އަރިހުން ފެންނަމުން ދިއައީ ސިޔާސީ ގޮތުން މާބޮޑު ތަޖުރިބާ އެއް ނެތް ޅަކުދިން ކޮޅެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެތަން މިތަނުން ހޮވާލާފައިވާ 'ރޮނގާލިން' ތަކެކެވެ.
ވެރިކަމުން ފައިބާވަޑައިގަތުމާއި އެކު ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެރިކަމުގެ ދުވަސްވަރު ހިންގެވި ކޮރަޕްޝަން ތަކާއެވެ. އެގޮތުން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް އެމިލިއަން ޑޮލަރު ވަދެފައިވާ މައްސަލަ އަކާއި، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޤާނޫނާ ހިލާފު މާލީ މުއާމަލާތް ތަކެއް ހިންގެވި މައްސަލަ ތަކެއް ފެންމަތިވެ ތަހްގީގު ވަނީ ހިނގައިގެންފައެވެ.
ރައީސް ޔާމީން އާއި، އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ރޮނގާލިންތަށް ބުނަމުންދަނީ ރައީސް ޔާމީން އަށް އޮތް ތާއީދު އަދިވެސް އިތުރުވަމުން ދާކަމުގައެވެ. އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ގިނިކަންޏާ ނިކުންނަވައި 95 ހާހަށްވުރެ ގިނަ ވޯޓް ހޯއްދެވި ކަމުގައެވެ. ރައްޔިތުންގެ މިވަރު ބޮޑު ތާއީދެއް އޮންނަވާ ބޭފުޅަކު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުވާނަމަ އެބޭފުޅަކަށް ތާއީދު ކުރައްވާ މީހުން، އެބޭފުޅަކާއި އެކު ތިއްބަވާނެތާއެވެ. ނަމަވެސް ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ރައީސް ޔާމީނު ފުލަހަށް ހާޒިރު ކުރާއިރު އެމަނިކުފާނާއިއެކު މާގިނަ ބަޔަކު ތިއްބަވާ ތަނެއް ނުފެނެއެވެ. ގާތްގަނޑަކަށް 50 ހަކަށް މީހުން ކިރިޔާ ހަމަވާ ވަރު ވަނީއެވެ.
ވެރިކަމުގެ އާރާއި ބާރުގައި ރައީސް ޔާމީނުވެސް ބޮޑުތި އެއްވުން ތަކާއި ޖަލްސާ ތައް ބޭއްވެވިއެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާ ތަކާއި އެއްވުން ތަކަކީ، ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން މީހުން ބައިވެރި ކުރާ އެއްވުން ތަކެއް ކަމުގައި އޭރުވެސް ގިނަ ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ. އާޙިރުގައި ކަން މިވީވެސް އެހެންނެވެ. މިއަދު ރައީސް ޔާމީނުގެ އަތްޕުޅުގައި ވެރިަކަމެއްވެސް ނުފޫޒެއްވެސް ނެތެވެ. އެހެން ވުމުން ތާއީދު ކުރާނެ ބަޔަކުވެސް ނެތުނީއެވެ. މިކަން ރައީސް ޔާމީނަށް ލިބިލެއްވި އިބްރަތަކަށް ފުދެއެވެ.