އަގުހެޔޮ ފެއާތަކުގައި ދަތުރުކުރެވޭ ފަސިންޖަރުންގެ އަދަދު އިތުރުކޮށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހެޔޮ އަގުގައި ޓިކެޓް ވިއްކަން ފަށައިފިއެވެ.
މޯލްޑިވިއަން އިން އެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮކޮށް، ޓިކެޓް ވިއްކަން ފެށުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު އައިލެންޑް އޭވިއޭޝަންއިން ކުރި އިއުލާނުގައިވާ އަގުތަކަށް މިއަދުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުންނާއި އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ވިއްކަމުންދާނެ ކަމަށެވެ.
މިއަދުން ފެށިގެން ކުރިއަށް ހުރި ދުވަސްތަަކަށް އެޑްވާންސްކޮށް ޓިކެޓު ނެގި މީހުންނަށް ވެސް އަގުހެޔޮ ފެއާގައި ޓިކެޓް ލިބޭއިރު ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާއި ބިޒްނަސް ވިސާގައި އުޅޭ ފަރާތްތަކަށް ވެސް އަގުހެޔޮ ފެއާގައި ދަތުރުކުރެވޭނެއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެ ވައުދު މިއަދު ފުރިހަމަވެގެން ގޮސްފައިވާއިރު އެ ވައުދަކީ އަލަށް އުފެއްދެވި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާއި ހަވާލުކޮށްގެން ފުއްދި ވައުދެކެވެ.
މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު:
މާލެ – ހަނިމާދޫ – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – އިފުރު – މަލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ދަރަވަންދޫ – މާލެ: 1098 ރުފިޔާއާއި 1568 ރުފިޔާއާ ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ތިމަރަފުށި – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – ކައްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ކާޑެއްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ގަން – މާލެ: 1698 ރުފިޔާއާއި 2666 ރުފިޔާއާ ދެމެދު
އައިލެންޑް އޭވިއޭޝަންގެ ޕީއާރް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ޓިކެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުތަކާއެކު ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމަށް އިތުރު ކަންތައްތަކެއް ވެސް ރާވަމުން އަންނަ ކަމަށާއި އަގުހެޔޮ ފެއާގައި ޓިކެޓު ލިބޭ ވަރު ތިން ގުނަ އިތުރުވެގެންދާނެ ކަމުގައެވެ.
"ކުރިއާ މިހާރާއި ތަފާތުވާނެ ގޮތަކީ މިހާރު އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ކުރިއަށް ވުރެއް ތިން ގުނަ އިތުރުވާނެ. އަގުހެޔޮ ފެއާގައި ސީޓު ލިބޭ ވަރު ތިން ގުނަ އިތުރުވެގެންދާނެ ކުރިއަށް އޮތް ތާނގައި" މޫސާ ވަސީމް ވިދާޅުވިއެވެ.
ވަސީމް ވިދާޅުވީ ކުރިން މޯލްޑިވިއަން އިން އަގުބޮޑުކޮށް ވިއްކަމުން އައި ދެ ފެއާ މިހާރު އުވާލާފައިވާކަމަށާއި އަގުހެޔޮ ފެއާގައި ދަތުރުކުރަން ބޭނުންވާ ގިނަ ފަރާތްތަކަށް މިހާރު އެ ފުރުސަތު ފަހިވެފައިވާ ކަމުގައެވެ.