މާލެ އަދި ހުޅުމާލޭގައި ޓެކްސީ ހިދުމަތުގެ އަގުތަކާއި މެދު އާންމުން ދެކޭ ގޮތް ބެލުމަށް އޮންލައިންކޮށް ސާވޭއެއް ފަށައިފިއެވެ.
މި ސާވޭގައި ޓެކްސީ ހިދުމަތްދޭން އެދެނީ މީޓަރު ޓެކްސީ ތައާރަފްކޮށްގެންތޯ، އޮންލައިން އެޕްލިކޭޝަނަކުންތޯ ނުވަތަ މިހާރު ވެސް އޮންނަ ގޮތަށް ވަކި އަގެއް ނަގާގޮތަށްތޯ ބެލުމަށް ހުޅުވާފައިވެއެވެ.
ސާވޭ ފޯމުގައި މޭލެ ތެރޭގައި ޓެކްސީ ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަގާއި މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް ޓެކްސީ ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަގު ހޯދުމަށް ހުޅުވާލާފައިވެއެވެ.
މިހާރު ޓެކްސީތަކުން މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް ދަތުރުކުރާ އަގާ މެދު އާންމުން ދެކޭ ގޮތާއި މާލޭގައި ޓެކްސީ ކުރުމަށް ބޭނުންކުރާ ޓެކްސީގެ ހާލާތުތަކާ މެދު ދެކޭ ގޮތް ވެސް ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން ވެސް އެކަމާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލާފައިވެއެވެ.
ޓެކްސީ ހިދުމަތުގެ އަގުތައް ކަނޑައެޅުމުގެ ގޮތުން ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ހިޔާލު ހޯދުމަށް އިއްޔެ ވަނީ ފޯރަމެއްވެސް ބާއްވާފައެވެ. އަދި މިފޯރަމުގައި ޓެކްސީ ޑްރައިވަރުން ބޭނުންވީ މާލެ - ހުޅުލެ އަދި ހުޅުމާލެއަށް 100ރ. އަށް ދަތުރު ކުރާށެވެ. ނަމަވެސް އާންމުން ބޭނުންވީ 75ރ. އަށްވުރެ ބޮޑު ނޫން އަގެއް ކަނޑައެޅުމަށެވެ.