މާތްވެގެންވާ އިސްލާމްދީނާއި ދީނުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ހަވީރު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށާއި ދީނުގެ އުސޫލުތަކަށާއި ޝިއާރުތަކަށް ފާޑުކިޔާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގައެވެ. ހަމައެއާއިއެކު ވަކިވަކި ފަރުދުންގެ މުދަލާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކުގެ މައްސަލަތައްވެސް ތަހުޤީގުކޮށް ފިޔަވަޅު އަޅާނެ ކަމުގައެވެ. އަދި މީހެއްގެ މުދަލަށް ނުވަތަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ ފަރާތްތަކުގެ މައްސަލަތައްވެސް ބަލާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ވިދާޅުވީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރޫ އަރާފަދަ ބަސް މަގު ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، މިނިވަން ރޭޑިއޯ ހިންގަމުން އަންނަ ނޫސްވެރިޔާ އައިޝަތު އާނިޔާ ވަނީ މިފަހަކުން މިސްކިތަކީ ހުތުރުތަނެއް ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ. އަދި ދީނީ ދަރުސްތަކުގެ ސަބަބުން ފިތުނަ ފަސާދަ އުފެދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.