ޣައިރު މުސްލިމުން އިސްލާމްދީނާއި ބެހޭ ގޮތުން އުފައްދާ ޝައްކުތަކާއި ސުވާލުތަކުގެ ތެރެއިން އެންމެ ޢާންމުކޮށް އިވޭނެ އެއް ސުވާލަކީ، މާތްﷲ ނަރަކަ އުފައްދަވައި އިންސާނުންނަށް އަޛާބު ދެއްވުމަށްޓަކައި މަލާއިކަތުން ލެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ﷲ ސުބްހާނަހޫ ވަޠަޢާލާއަކީ އޯގާވަންތަ ރަސްކަލެއް ނަމަ އެކަލާނގެ އިންސާނުންގެ ޢަމަލުތަކުގެ ހިސާބު ބައްލަވައި، ޖަޒާ ދެއްވަން ކަނޑައަޅައި، ލިޔުއްވާފައިވަނީ ކީއްވެހެއްޔެވެ؟ ހިތާމައަކީ މުސްލިމުންގެ ތެރެއިންވެސް ގިނަ ބަޔަކަށް މި ސުވާލުތަކަށް އެންމެ އެކަށީގެންވާ ވަރަށް ރައްދުދީ، އިސްލާމްދީނުގެ ދިފާއުގައި ވާހަކަ ދައްކައި އަޑު އުފުލުމުގެ ޤާބިލްކަން ނެތުމެވެ. އަދި އެއަށްވުރެވެސް ދެރަ ކަމަކީ ޚުދު މުސްލިމުންގެ ތެރެއިންވެސް ބައެއް މީހުން މިފަދަ ސުވާލުތައް އުފައްދާތީއެވެ.
ހަގީގަތުގައި މި ސުވާލުތަކަށް ޖަވާބު ދިނުމުގައި ދެ ރައުޔަކުން ވިސްނައި ޖަވާބުދޭ މީހުން އުޅޭނެއެވެ. އެއީ ޣައިރު މުސްލިމެއްގެ ނަޒަރާއި މާތްﷲ އަށް އީމާންވެ، އެކަލާނގެ ބާވައިލައްވާފައިވާ ދުސްތޫރުގެ އަލީގައި ޖަވާބުދޭ މީހުންނެވެ. ބައެއް އިންސާނުންނަކީ އެމީހުންގެ ވިސްނުން ނުވަތަ ގަބޫލުކުރުންތަަކަކީ ﷲ ސުބްހާނަހޫ ވަޠަޢާލާގެ ނިންމުން އެކަލާނގެ ރޭވުމަށްވުރެ މާ ގަދަފަދަ އެއްޗެއް ކަން ގަބޫލުކޮށްގެން ތިބޭ އިންސާނުންނެވެ. މިފަދަ އިންސާނުންނަކީ ޣާފިލްވެފައިވާ ބައެކެވެ. އެމީހުންގެ ނިކަމެތިކަން، ޚުދު އެމީހުންނަށް އޮޅިފައިވާ ބޭކާރު ބައެކެވެ.
ކީރިތި ޤުރުޢާނުގެ އެންމެ ފުރަތަމަ ތިން އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
﴿١﴾ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ މާނަ: رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.
|
الْحَمْدُ لِلَّهِ ގެ މާނައަކީ އެންމެހައި ހަމްދެއް ހުރީ ﷲ އަށެވެ. މިޤަބޫލުކުރުމުގެ ދަށުން ﷲ ހައްދަވާފައިވާ ކޮންމެ މަޚްލޫޤެއްވެސް، އެކަލާނގެ ލައްވާފައިވާ ކޮންމެ ކަމެއްވެސް އަދި އެ ހުރިހާ ކަމެއްގެ އިބްރަތެއްގައިވެސް، މާތްﷲ އަކީ ހަމްދު ހައްޤުވެގެންވާ ފަރާތެވެ. އަދި އެކަނލާގެ ރާއްވަވައިފައިވާ ރޭވުންތަކުގައި އެއްވެސް އުނިކަމެއްވެސް އިތުރުކަމެއްވެސް ލައްވާފައިނުވާނެއެވެ.
މި ބަސްފުޅާއި އެކު ވިދިގެން އަންނަ ބަސްފުޅުގައި، އެ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ رب العالمین. މި ބަސްފުޅުގެ މާނައަކީ ހުރިހާ އާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ. މި ބަސްފުޅުގައި އަންގަވާފައިވަނީ 'ވަރިރަސްކަލާނގެ'އެވެ. 'ހެއްދެވި ރަސްކަލާނގެ'، މިފަދައަކުން ނޫނެވެ. މި ދެ ގޮތުގައި ވަރަށް ބޮޑު ތަފާތެއްވެއެވެ. އަދި އެ ތަފާތަކީ، އެއްބައި މީހުން އީމަންވެ އަދި އަނެއްބައި މީހުން އީމާން ނުވާ ސަބަބުވެސްމެއެވެ. 'ވެރި ރަސްކަލާނގެ' މި ބަހުގެ މުރާދަކީ އެކަލާނގެ އީ އެންމެހައި ތަކެތި އުފަދައްވައި، އެތަކެތީގެ މައްޗަށް ފުރިހަމަ ބާރު އޮންނަ ރަސްކަލާނގެއެވެ. އިންސާނުންނަކީ މާތްﷲ ގެ އަޅުންނެވެ. އިންސާނުންގެ މަސްޢޫލިއްޔަތަކީ މާތްﷲ އަށް ކިޔަމަންގަތުމެވެ. އިންސާނުންނަށް މާތްﷲގެ ނިންމުން ތަކާއި މެދު ސުވާލު އުފައްދައި އެކަލާނގެ ރޭވުންތަކާއި މެދު ބަސް ބުނުމުގެ ހައްގެއް ނޯންނާނެއެވެ. އިންސާނުންނަކީ މާތްﷲ ގެ އަޅުން ކަމަށާއި އެކަލާނގެ އަމުރުތަކަށް އިންސާނުން ބޯލެނބުމަކީ ވާޖިބެއް ކަން ހިތުން ތެދުކޮށް ޤަބޫލުކުރުމުން އިންސާނުންނަށް ދޭހަވެގެން ދާނެ ކަމަކީ:
الرَّحْمَٰنِ الرَّحِيمِ (3)
މާނަ:(އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.
މާތްﷲ ކީރިތި ޤުރުޢާނުގައި އެކަލާނގެއަކީ އެންމެހައި ތަކެތީގެ ވެރި ރަސްކަލާނގެކަން ބަޔާންކޮށްދެއްވުމުގެ ކުރިއަށް އަންގަވައިފައިވަނީ، އެކަލާނގެއީ އެންމެހައި ހަމްދެއް ހައްގުވެގެންވާ އަޅުކަންކުރުން ހައްގު ރަސްކަލާނގެކަމެވެ. އެންމެ އޯގާވަންތަ ރަސްކަލާނގެއަކީ އެއީއެވެ.
ދެންއުފައްދާ ސުވާލަކީ މާތްﷲ އިންސާނުންނަށް ލޯބިކުރައްވާނަމަ އެކަލާނގެ އިންސާނުންނަށް އަޛާބުދޭން ނިންމައިފައިވަނީ ކޮން ސަބަބުތަކާއި ހުރެ ހެއްޔެވެ؟ އެއިގެ ޖަވާބު ވަރަށް ސާފެވެ. އިންސާނުން ރަނގަޅު މަގަށް ވާސިލް ކުރުއްވުމަށްޓަކައެވެ. އާންމު ދިރިއުޅުމުގައިވެސް އޭގެ މިސާލު ފެނިގެންދާނެއެވެ. މައިންްބަފައިން އެމީހުންގެ ދަރިން ނުރަނގަޅު ނުވަތަ ގޯސް މަގުން ކުރިއަށް ދާނަމަ އަދަބުދީގެން ނަމަވެސް އެކަންތައް ހުއްޓުވަން މަސައްކަތްކުރާނެއެވެ.
މާތްﷲ އިންސާނުން އުފައްދަވައި ދެ މަގަށް އިންސާނުންނަށް މަގުދެއްކެވިއެވެ. ދެ މަގުވެސް އިޚްތިޔާރުކުރުމުން ލިބޭނެ ޖަޒާ ވަނީ ސާފުކޮށް ކަނޑައަޅުއްވައިފައެވެ. އަދި އެ ޖަޒާތައް އިންސާނުންނަށް އަންގަވައިފައެވެ.
އަހަރެމެން އިންސާނުންނަކީ ހަމައެކަނި މާތްﷲގެ އަޅުންނެވެ. އިންސާނުން ދުނިޔޭގައި ލައްވާފައިވަނީ މާތްﷲ އަށް ކިޔަމަންގަތުމަށްޓަކައެވެ. ދުނިޔެއަށް ފޮނުއްވާފައިވަނީ އެއްވެސް މަގުސަދެއް ނުވަތަ ހިކުމަތެއް އޭގެ ފަހަތުގައި ވާނެކަން ކަށަވަރެވެ. ދުނިޔެއަކީ އިމްތިހާނެކެވެ. އިންސާނުންގެ މަސްއޫލިއްޔަތަކީ އީމާންވުމާއެކު، އިޚްލާސްތެރިކަމާއެކު ސޯލިހު ހެޔޮ ޢަމަލުކުރުމެވެ. ހަމައެހެންމެ މާތްﷲގެ ދުސްތޫރަކީ އެންމެ ފުރިހަމަ ދުސްތޫރުތައް ކަމަށް އީމާންވުމެވެ.