އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވެފައި ވާ އިރު ވެސް ބައެއް ސްކޫލުތަކުގެ ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާތަށް ބޮޑުވެއްޖެ އެވެ.
މިއަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ބައެއް ސްކޫލުތަކުގެ ބެލެނިވެރިން ވަނީ އެކަމާ ހުރެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ބެލެނިވެރިން ބުނާ ގޮތުގައި ރިޕޯޓު ފޮތް ދިން ދުވަހު ވައުޗާ ދިން ނަމަވެސް ފޮތްތައް ލިބޭނީ ސްކޫލް ހުޅުވޭ ދުވަހު ކަމަށް އަންގާފައިވާ ކަމަށެވެ. އެގޮތަށް ކަންތަށް ދިމާވުމުގެ ސަބަބުން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ތައްޔާރު ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށްވެސް ބެލެނިވެރިން ބުނެއެވެ.
"ޖަޒީރާ" އަށް މައުލޫމާތު ދެމުން ނަން ހާމަ ނުކުރުމަށް ބުނެ، ޖަމާލުއްދީން ސްކޫލުގެ ޓީޗަރަކު ބުނީ، ވަރަށް ގިނަ ކުދިންނަށް ފޮތް ނުލިބިގެން ބެލެނިވެރިން ޝަކުވާ ކޮށްފައިވާ ކަމަށެވެ.
"ވަރަށް ގިނަ ބަލެނިވެރިން އެ ޝަކުވާ އެބަ ހުށަހަޅާ، ފޮތްތަށް އަދިވެސް ނުލިބޭ، ނަމަވެސް ވައުޗާއަށް ދޫކުރާ ތަކެތިވަނީ ލިބިފައި، އެކަމަކު ޓެކްސްޓް ފޮތްތަށް ނުލިބެންޏާ ކިޔަވާދޭން ފަށަންވެސް ވަރަށް އުނދާގޫވާނެ ދެއްތޯ" ޖަމާލުއްދީން ސްކޫލް ޓީޗަރަކު ބުންޏެވެ.
ވައުޗާ ދެނީ ލިއަން ބޭނުންކުރާ ފޮތް ފަންސޫރާއި އެހެނިހެން އެއްޗެހި، ޓެކްސްޓް ފޮތްތައް ދޫކުރަނީ ސްކޫލްތަކުންނެވެ.
ގިނަ ސުކޫލުތަކުގެ ބައެއް ގްރޭޑުތަކުގެ ފޮތްތަށް ލިބި، އަނެއްބައި ގްރޭޑުތަކުގައި ފޮތްތަށް ނުލިބޭކަން ވަނީ ގިނަ ސުކޫލްތަކުގެ މެނޭޖްމަންޓްއިން ފާހަގަ ކޮށްފައެވެ. ފޮތްތަށް ލިބުން ލަސްވެގެން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީގެ މައްސަލައަކުން ކަންވެސް ބައެއް ބެލެނިވެރިންނާއި، ޓީޗަރުންވަނީ ފާހަގަ ކޮށްފައެވެ.ނެވެ.
މިމައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވަނީ އަދި ލިބޭގޮތް ނުވެފައެވެ.