ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާ ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް ޞޯލިހު އުފައްދާފައިވާ ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވާހަކަ ދެއްކެވިޔަސް، އެކަމާ ގުޅޭ މައުލޫމާތުތައް ސުޕްރީމް ކޯޓާ ހިއްސާކުރަން ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ޤާނޫނީ ވަކީލް ސުއޫދު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ދައުރުު އޮތް ކަމަށާއި ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގްތައް ބޭނުން ކުރަމުން އަންނަ ކަމުގައެވެ.
ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަނަށް ވަކި މުއްދަތެއް ސުޕްރީމް ކޯޓުން ދިން ކަމަށާއި އެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި، އެ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ..
"އާންމުކޮށް، ޖުމްލަކޮށް ޝަރުއީ ދާއިރާއާ ބެހޭގޮތުން އެ ދެއްކެވި ވާހަކަތަކަކީ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ރަނގަޅު އަސާސްތަކެއްގެ މައްޗަށް ދެއްކެވި ވާހަކަތަކެއް ކަމަށް ވާ ނަމަ، އެކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހިއްސާ ކުރަން އިންކާރު ކުރައްވަންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މާޖިދު ވިދާޅުވި އެވެ.
މާޖިދު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ އަގު ވައްޓާލެވޭ ފަދަ އިތުބާރު ނުހިފޭ ވާހަކަތައް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށާއި އެހެންކަމުން ސުއޫދުގެ ވާހަކަތަކާ ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އަޅަން އެއްވެސް ހުރަހެއްނެތް ކަމަށެވެ.
"ފިޔަވަޅު އަޅާނެ ކަން ނުވަތަ އަޅާނީ ކޮން ފިޔަވަޅެއްކަން އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ނިންމަވާ ނިންމެވުމެއް،" އޭނާ ވިދާޅުވި އެވެ.
ސުއޫދުގެ ތުހުމަތުތަކާ ގުޅޭ ހެކިތައް ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ޑީޖޭއޭ އިން ބުނިއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައި، މަސައްކަތް ފަށައިފަ އެވެ.