ޓެކްސީގެ ޚިދުމަތްތަކުގެ އަގުތަކާ ގުޅޭގޮތުން އާމުންނާއި، ޓެކްސީ ތަކުގެ ޑްރައިވަރުންނާއި އެކު ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ބައިވެރިވި ޑްރައިވަރުން، ޓެކްސީގެ އަގުތަށް ކުޑަ ނުކުރެވޭނެ ކަމަށާއި، މިހާރު ދަތުރު ކުރަމުންދާ އަގުތަށްވެސް ކުޑަ ކަމުގައި ބުނެފިއެވެ.
ޓެކްސީގެ ޚިދުމަތް ތަކާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ރޭގައި ބޭއްވި ފޯރަމް އަކީ، ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ސަރުކާރުން ކަނޑައެޅި 40ރ. ގެ އަގުގެ ބަދަލުގައި 100ރ. ޓެކްސީތަކުން ނަގާ މައްސަލަ ބޮޑުވުމުން އެކަމަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތައް ޑުރައިވަރުންގެ އިހުތިޖާޖުގެ ސަބަބުން ނާކާމިޔާބު ވެފައި ވުމުން، އެކަމަށް ހައްލެއް ލިބޭތޯ އާމުންނާއި ޑުރައިވަރުންގެ ހިޔާލު ހޯދަން ބޭއްވެވި ފޯރަމް އެކެވެ.
ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ބޮޑުއަގެއް ނެގުން ހުއްޓުވުމަށް ސަރުކާރުން ފުރަތަމަ މަސައްކަތް ކުރިޔަސް، ޑްރައިވަރުން އިހްތިޖާޖް ކުރަން ފެށުމުން ސަރުކާރުން ނިންމީ ޚިޔާލު ހޯދައިގެން ގޮތެއް ނިމެންދެން ޑްރައިވަރުން ނަގާ އަގެއްގައި ދަތުރު ކުރުމުގެ ހުއްދަ ދިނުމަށެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ފޯރަމްގައި ގިނައިން ބައިވެރިވެ، ވާހަކަ ދެއްކާފައިވަނީ ޓެކްސީ ޑްރައިވަރުންނެވެ. ވާހަކަ ދެއްކި ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ބުނއފައިވަނީ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ 100ރ. ބޮޑު ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޑްރައިވަރުން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ ދިރިއުޅުމުގެ ޚަރަދު ތަކާއި ތަކެތީގެ އަގު ބޮޑުވުމެވެ. ކުއްޔާއި ދިރިއުޅުމުގެ ޚަރަދުގެ އިތުރުން ކާރުގެ މަރާމާތާއި އެހެނިހެން ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަން ޑްރައިވަރުން ފާހަގަކުރި އެވެ.
މި ފޯރަމްގައި ބައިވެރިވި ޑްރައިވަރަކު ވާހަކަ ދައްކަމުން ބުނެފައި ވަނީ، 95 ޕަސެންޓް އައްވުރެ ގިނަ ޑްރައިވަރުންނަކީ ޓެކްސީ ކޮށްގެން ލިބޭ އާމްދަނީ އަކުން ކުލި ދައްކައިގެން ކަރަންޓް ބިލް ދައްކައިގެން، އަނބިދަރިން ގޮވައިގެން ދިރިއުޅެމުން އަންނަ ބައެއްކަމަށާއި، މިހެން ވުމުގެ ސަބަބުން ލިބޭ އެއްޗަކުން ޑްރައިވަރުންނަށް ގިނަ ފަހަރު އޮންނަނީ ދެކޮޅު ނުޖެހިފައި ކަމަށެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ކާރުގެ މަރާމާތެއް ކުރާން ޖެހިއްޖެނަމަ، ޖެހެނީ ކޮންމެވެސް އެހެން މީހެއްގެ އަތުން ލާރި ހޯދައިގެން އެމަރާމާތެއް ކުރުމަށްފަހު އަނެއް ދުވަހު މަސައްކަތަށް ނިކުމެވޭނެ ގޮތެއް ހޯދަން ކަމުގައެވެ. މި ގޮތަށް މިކަން ނުކުރެވިއްޖެނަމަ ޑްރައިވަރުން ތިބޭންޖެހޭނީ 'ނުކައި ނުބޮއި' ކަމަށްވެސް ޑްރައިވަރަކު ބުންނެފައި ވެއެވެ.
އެހެން ޑްރައިވަރަކު ވާހަކަ ދައްކަމުން ބުނެފައިވަނީ، މާލޭގެ މަގުތަކުގެ ހާލަތު ހުރިގޮތުންނާޢި، މާލޭގެ ޓްރެފިކްގެ ސަބަބުން މާލޭގައި ކުރާ ދަތުރުތަކުގެ ވަގުތު ދިގުވުމުން ލިބޭ އާމްދަނީ މަދުވާ ކަމަށޭވެ. އަދި ބުރިޖު ނުހުޅުވާއިރު، އައިޖީއެމްއެޗުން ހުޅުމާލެ ފެރީއާ ހަމައަށް ދަތުރެއް ނިންމާލެވެނީ 45 މިނެޓުން ކަމަށާއި، ނަމަވެސް އެވަރުގެ ދަތުރަކަށްވެސް ލިބެނީ ހަމަ އެންމެ 25ރ. ކަމަށެވެ.
ބްރިޖް ނެތްއިރު ޓެކްސީއެއް ހޯދަން އުނދަގޫ ކަމާއި އަދި ދަތުރަށް ނަގާ ގިނަވަގުތހު ފާހަގަކޮށް، އެހެން ޑްރައިވަރަކު ބުނެފައިވަނީ، ކުރިއަށް ވުރެ އަވަސް ޚިދުމަތެއް ޓެކްސީތަކުން ލިބޭއިރު ކޮޅަކަށް 100ރ. ނެގުމަކީ މައްސަލައެއްނޫން ކަމަށެވެ. އަދި އެ އަގު ބޮޑުވެގެން ޝަކުވާ ކުރަނީވެސް މަދު ބައެއް ކަމަށް އެ ޑްރައިވަރުން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ފޯރަމް މިރޭ ނިމުނަސް، އަގުތަކާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެގޮތުން އީމެއިލް އާއި ފޯނު އަދި ލިޔުމުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.