ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއެރުވުމަށް މޯލްޑިވްސް އޯޕަސް ސޯސް ސޮސައިޓީއާއި އުގައިލް ފައުންޑޭޝަންއާއި ގުޅިގެން ފަށާ "އާރް އެންޑް ޑީ އާޓިފިޝަލް އިންޓެލިޖެންސް އެކްސެލެރޭޓާ" ޕްރޮގްރާމްގެ މައުލޫމާތު ސެޝަންތައް މިއަދު ފަށައިފިއެވެ.
ތިން ސެޝަނަކަށް ބަހާލައިގެން މައުލޫމާތު ސެޝަންތައް ކުރިއަށްގެންދާއިރު ފުރަތަމަ ސެޝަން ފަށާފައިވަނީ މިއަދު 13:00 ގައެވެ. މި ޕްރޮގްރާމްގެ މައުލޫމާތު ސެޝަންތައް މިރޭ 20:00 އިން 22:00 އާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި މަހު 19 ގައި ފަށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި، ފުރަތަމަ ހިންގާނީ އާޓިފިޝަލް އިންޓަލިޖެންސަށް ޝައުގުވެރިކަން ހުންނަ ޒުވާނުން އެއްކޮށް، އެ ދާއިރާއިން ހިންގިދާނެ މަޝްރޫއުތަކާ މެދު އެމީހުން ކޮށްފައިވާ ހިޔާލުތައް އެއްކުރުމެވެ.
އުގައިލް ފައުންޑޭޝަންއާއި އެކި މި ޕްރޮގްރާމް އިންތިޒާމުކުރާ ފަރާތް ކަމަށްވާ މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ އޮފިޝަލަކު "ޖަޒީރާ"އަށް ވިދާޅުވީ ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިންގިދާނެ މަޝްރޫއުތައް ރާވައި އެ މަޝްރޫއުތައް ހިންގާނެ ގްރޫޕްތައް އެކުލަވައިލާނީ ޕްރޮފެސަރު އުގައިލް ކަމަށެވެ.
ފަސް ގްރޫޕަކަށް ފުރުސަތުދޭ މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ އިން ވިދާޅުވާ ގޮތުގައި ޕްރޮގްރާމްގެ އަމާޒުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ދިވެހި ބަސް ބޭނުންކުރުމަށް މަގުފަހި ކޮށްދޭނެ އުފެއްދުންތަކާއި ވިޔަފާރިތަކުން ކުރަން ޖެހޭ މާކެޓް ދިރާސާ ކުރުން ފަދަ ކަންތައްތައް އިންތިހާއަށް ފަސޭހަ ކޮށްދޭ ފަދަ އުފެއްދުންތައް ވުޖޫދަށް ގެނެސްދިނުން ހިމެނޭކަމަށެވެ.
އެ ޕްރޮގްރާމަށް ޕްރޮފެޝަރު އުގައިލް ހޮއްވަވާ ގްރޫޕްތަކުން ހިންގާ މަޝްރޫއުތަކަށް މާލީ އެހީއެއްގެ ގޮތުގައި ކޮންމެ މަހަކު ކޮންމެ ގްރޫޕަކަށް 20،000ރ. ދޭން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ދޭނީ ޕްރޮގްރާމް ހިންގާ ދެ ޖަމިއްޔާއިންނެވެ.
އޭއައި ޕްރޮގްރާމް ކުރިއަށް ދާ މުއްދަތުގައި ގްރޫޕުތަކަށް އެހީތެރިވުމަށް ޕްރޮފެޝަރު އުގައިލް އަމަލީ ގޮތުން ހަރަކާތްތެރިވާއިރު ޕްރޮގްރާމްގެ އެންމެ ފަހު ކަމަކަށް އޮންނާނީ ޑެމޯ ދައްކައިލުމެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އައިޓީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީއިން ބުނެއެވެ.