ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ދެ ބޭފުޅަކު މިއަދު ހަމަޖައްސައިފިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހަމަޖައްސާފައިވަނީ، މއ. އާޕިއާ އަލްއުސްތާޛު މުޙައްމަދު ޒާހިރު އަދި ހ. އެލިއަތުވިލާ މަރްޔަމް ޝަމްޢާ އިބްރާހީމް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލްކުރައްވާފައެވެ.
މިއަދު މެންބަރުކަމަށް ދެން ޢައްޔަނު ކުރެއްވި މަރްޔަމް ޝަމްޢާ ވަނީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލްކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު ޝަމްޢާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ޝަމްޢާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލސ، ޕެރެޑައިސް ހޮލިޑޭ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ.