ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިނގާފައިވާ 14 މައްސަލައެއް މިިދިޔަ ހަފްތާގައި އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވެއްޖެ އެވެ.
ވީނިއުސްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ޚާލިދު އެކި ކުންފުނިތަކަށް ޕީއެސްއެމް ވަނީ 200 މިލިއަނުން ދަރާފައި ކަމަށާއި، ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން އުސޫލާ ޚިލާފަށް ހިންގާފައިވާ ކަންކަމުގެ 14 މައްސަލައެއް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ޕީއެސްއެމްގެ މާލީ ހާލަތު ހުރީ ވަރަށް ދަށުގައި ކަމަށްވެސް ޚާލިދު ވިދާޅު ވިއެވެ.
އަލީ ޚާލިދު އިތުރަށް ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަ އުޅޭކަމަށް އޭނާއަށް ކަނޑަނޭޅުނަސް، ބެލިބެލުމުން ޕްރޮކިއުމަންޓް ޕްރޮސީޖާއިން ބޭރުން ކަންކަން ހިނގައިފާ ވުން އެއީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުން ކަމަށެވެ.މީގެ އިތުރުންވެސް ބައިވަރު މައްސަލަތައް އެބަހުރި ކަމަށްވެސް އަލީ ޚާލިދު ވިދާޅުވި އެވެ.
ޕީއެސްއެމް 200 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް އަލީ ޚާލިދު ވިދާޅުވިއިރު ޕީއެސްއެމްގެ ކުރީގެ ބޯޑުން އޭރުގެ ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީއަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރިޔާސީ އިންތިޚާބު ދުވަސްވަރު ޕީޕީއެމްގެ ކެމްޕެއިންތަކަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު، ޕީޕީއެމްގެ އެކި ހަރަކާތްތައް ލައިވްކުރުމަށް ޕީއެސްއެމުން 3.1 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރަށް ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ ޚާއްސަ ބިއުރޯގެ ނަމުގައި ބިއުރޯއެއް ހެދުމަށް 4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.
އަލީ ޚާލިދު އިތުރަށް ވިދާޅުވީ، ބަޖެޓްގެ ތާށިކަން ނެތީ ސަރުކާރުން ސަބްސިޑީ އާއި އަދި ސޮޕޮންސަޝިޕްތައް ލިބެމުންދާތީ ކަމަށެވެ. ނަމަވެސް 200 މިލިއަން ރުފިޔާގެ ބޮޑު ދަރަނި ނުދެއްކޭހާ ހިނދަކު މާލީ ހާލަތު ކުރިއަރައިގެން ނުދާނެ ކަމަށްވެސް އަލީ ޚާލިދު ވަނީ ވިދާޅުވެފަ އެވެ.