މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ހިމެނޭ ގޮތަށް މިދިއަ އަހަރު ކުށް ކުރުން އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސް ޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ 2018 ވަނަ އަހަރު އެންމެ ގިނައިން އެ އިދާރާއަށް ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އިޒްމިއާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް 2018 ގައި އިތުރުވީ އެ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތައް ކާމިޔާބުވެފައި ވާތީ ކަމަށެވެ. އަދި އެހެނިގެން ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ މައްސަލަތް އިތުރުވާ ސަބަބުތަކަކީ އެއް ކުށެއް ރިޕީޓް ކުރުން، މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްދޭން އެދި ފޮނުވުމުން އެބަ ހުރި އެމީހަކުގެ މަސްތުވާތަކެއްޗާ ބެހޭ އެހެން މައްސަލަތް އޮތުމުން ފަހުން ފޮނުވި މައްސަލަތް ނުބެލޭނެ ކަމަށް ބުނެ ފޮނުވާލާފައި،" އިޒްމިއާ ވިދާޅުވި އެވެ.
ފުލުހުން މިއަދު އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު އާންމު ކުށުގެ ރޭޓް ދަށްކޮށްހުރި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައްވަނީ އިތުރުވެފައެވެ. މީގެ އިތުރުން ވައްކަމާއި ފޭރުމާއި ޓްރެފިކްގެ މައްސަލަތައްވެސް އިތުރުވެފައިވާ ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.