ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލު ކޮށްފައިވަނީ ޑޮކްޓަރު ދީފައިވާ އިރުޝާދާއި ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އަދީބުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެޗްއާރްސީއެމް އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އައިޖީއެމްއެޗްގެ ޔޫރޮލޮޖީގެ ޙާއްސަ ޑޮކްޓަރަކު އަދީބު "ހޯމްލީ އެންވައިރޮމެންޓެއްގައި" ދެ މަސްދުވަހު ބެހެއްޓުމަށް މިދިޔަ އަހަރު ނޮވެމްބަރު 24 ވަނަ ދުވަހު އިރުޝާދު ދީފައިވާ ކަމަށާއި، އެހެން ނަމަވެސް އެ އިރުޝާދާ އެއްގޮތަށް ކަރެކްޝަންސްއިން އަމަލުކޮށްފައިނުވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ނޮވެމްބަރު 4 ވަނަ ދުވަހު އަދީބު ބެއްލެވި ޑޮކްޓަރާއި، އައިޖީއެމްއެޗްގެ އޮފިޝަލުންނާއި، މޯލްޑިވްސް ކަރެކްޝަންސް ގެ ބޭފުޅުންނާ އެޗްއާރްސީއެމުން ބައްދަލު ކުރުމުން ލިބުނު ލިއެކިއުންތަކަށް ރިޔާއަތްކޮށް، ދިވެހިރާއްޖޭގެ ޖަލުތަކާއި، ޕެރޯލުގެ ގާނޫނާއި، ހުކުމް ތަންފީޒުކުރާ މީހުން އަމަލު ކުރަންޖެހޭ މެޑިކަލް ގަވާއިދުގެ ދަށުން ބަންދުގައި ހުންނަ މީހާ ނުވަތަ ގައިދީގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ، އެ މީހަކު ބެއްލެވި ޑޮކްޓަރު ދީފައިވާ އިރުޝާދަށް އަމަލު ކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށެވެ. އެގޮތަށް އަމަލުކުރަމަށް ކަރެކްޝަންސް އަށާއި، އޭރު އަދީބު ހުކުމް ތަންފީޒު ކުރަމުން ދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވުމާއި އެކު، އެ ދެ މުއައްސަސާއަށް 2018 ނޮވެމްބަރު 4 ވަނަ ދުވަހު ލިއުމުން އަންގާފައިވާ ކަމަށެވެ.
އަދި މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް، އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެ ނޮވެމްބަރު 10 ވަނަ ދުވަހު އަވަސްފަރުވާއަށް އައިޖީއެމްއެޗް އަށް ގެނެއުމުން ޑޮކްޓަރު ބެއްލެވުމަށްފަހު 2 މަހުގެ މުއްދަތަކަށް އަދީބު "ސްޓެރެސް ފްރީ، ހޯމްލީ އެންވިރަމެންޓެއްގައި ބެހެއްޓުމަށް" އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ގޭގައި ހުންނަވަނިކޮށް މިއަހަރު ޖަނަވަރީ މަހު 2 ވަނަ ދުވަހު އަދީބު އަނބުރާ ޖަލަށް ގެންދިއުމަކީ ޑޮކްޓަރުން ދީފައިވާ އިރުޝާދާ ހިލާފަށް ކޮށްފައިވާ ކަމެއްކަން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ބަންދުގައި ހުރި މީހެއްގެ ސިއްހީ ހާލަތާއި ގުޅިގެން ގޭބަންދަށް ބަދަލު ކުރަމަށް ފަހު އަލުން އަނބުރާ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ބަންދުގައި ހުރި މީހާގެ ސިއްހީ ހާލަތު ކަށަވަރު ކުރުމަކީ އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާތުން ބަލާނަމަ، މުހިންމު ކަމެއްކަންވެސް އެ ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.