ސޯޝަލް މީޑިއާގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ފުލުހުން އާންމު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ނަފްރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާ ކަމަށެވެ. އަދި ފުލުހުން މިކަންކަން ތަހުގީގު ކުރާ ކަމަށާއި، ތަހުގީގުތައް ކުރިއަށް ގެންދާއިރު އިންޒާރުގެ މެސްޖްތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަށްވެސް ފުލުހުން ބަލާނެ ކަމަށާއި އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތަކަށް ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން އިތުރަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްވެސް ކޮށްފައެވެ.
މީހުންނަށް އިންޒާރު ދިނުމާއި، ބޭއަދަބީ ގޮތްގޮތަށް ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިޔާގައި ބަޔަކު މަސައްކަތް ކުރަމުން ދާއިރު، ކާކުކަން ނޭނގޭ ގޮތަށް އެކައުންޓްތައް ހަދައިގެން މީހުންނަށް އިންޒާރު ދިނުމާއި، ޖިންސީ ފުރައްސާރަ ކުރުންވެސް ސޯޝަލް މީޑިއާގައި އަންނަނީ އާންމުވަމުންނެވެ.