މެލޭޝިޔާގައި، ޑްރައިވިން ލައިސަންސް ބޭނުންކުރުމުގެ އުސޫލަށް ގެނައި ބަދަލަކާއި ގުޅިގެން ދިވެހިރާއްޖޭގެ ޑްރައިވިންގް ލައިސަންސް ބަލައިގަތުން އެގައުމުން ހުއްޓާލައިފިއެވެ.
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެލޭޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން އެ ގައުމުގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް ބޭނުންކުރުމާ ބެހޭ އުސޫލުތަށް ހަރުދަނާ ކުރުމަށް، ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިއާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސަންސް ބޭނުން ކުރުމާއި، ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.
އެހެން ކަމުން، އެމްބަސީން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާ ގައި، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކުން ވެސް ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސަންސް ނަގައިގެން އުޅަނދު ފަހަރު ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސަންސް އޮންނަ ފަރާތްތަކަށް ވެސް މެލޭޝިއާގައި ދުއްވޭނެ ކަމަށް އެމްބަސީން ބުނެއެވެ. އަދި އެބަދަލަކީ ވަކި ގައުމަކަށް ގެނައި ބަދަލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ލައިސަންސް ބަލައިނުގަންނަން ނިންމުމުން އެކަމުގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެއެވެ. އެހެންކަމުން ދިވެހި ސަރުކާރުން ދަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަށްވަމުން ކަމަށްވެސް އެމްބަސީން ބުނެފައި ވެއެވެ.