ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސެއިން ފާއިޒު މިއަދު ހަމަޖައްސައިފި އެވެ.
ސްޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ހަމަޖެއްސެވި ފާއިޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ.
ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ހިނގަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި ސެކްރެޓަރީ ޖެނެރަލްއާ ހަވާލުކޮށްފައިވާ ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީގެ މަޝްރޫއުތަކާއި އަދި ބޭނުންވާ ސްޓްރެޓިޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކުރުން ފަދަ ކަންކަމަކީވެސް ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.