އަމިއްލަ ފަރާތަކުން އދ. މަހިބަދޫ ގައި އައިސް ޕްލާންޓެއްގެ ހިދުމަތް ދޭން ފަށައިފިއެވެ. ފައިވް ލައިން ފިޝަރީޒުން ތަރައްގީކޮށްފައިވާ މި އައިސް ޕްލާންޓްގެ ހިދުމަތް ދޭން ފެށީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މި އައިސް ޕްލާންޓަކީ އދ. އަތޮޅުގެ ފުރަތަމަ އައިސް ޕްލާންޓެވެ.

އޮންލައިން ނޫސް 'މިހާރު' އަށް މައުލޫމާތު ދެއްވަމުން ފައިވް ލައިން ފިޝަރީޒްގެ ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މި އައިސް ޕްލާންޓް ތަރައްގީކޮށްފައިވަނީ 10 ޓަނުގެ މަސް ވެސް ރައްކާކުރެވޭ ގޮތަށް ކަމަށާއި، އަދި މަހިބަދޫ ރައްޔިތުން ބާނާ ފަރުމަސް ވެސް އައިސް ޕްލާންޓުގައި ރައްކާކުރެވޭނެ ގޮތް ކައުންސިލްގެ އެދުމުގެ މަތިން ހަމަޖައްސާފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައިސް ޕްލާންޓުން މަސް ގަންނަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އައިސް ޕްލާންޓުން ތެލާއި ފެން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަން ނިންމާފައިވާ ކަމަށާއި ބޭނުންވަނީ މަހިބަދޫގެ ބަނދަރުން މަސްވެރިންނަށް ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި ގިނައިން ގާއިމުކުރެވެނީ ފްލޭކް އައިސް. ނިސްބަތުން އެންމެ ކޮލިޓީ އައިސް މި ޕްލާންޓުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ފްލާންޓުތައް ހަދާފައި ވާއިރު އަމިއްލަ ކުންފުނިތަކުން ތަރައްގީކޮށްފައިވާ އައިސް ޕްލާންޓްތައް ވަރަށް މަދެވެ. އެންމެ ގިނަ އައިސް ޕްލާންޓް ހަދާފައިވާނީ މިފްކޯ އިންނެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 އައިސް ޕްލާންޓް ވަނީ ބަހައްޓައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *