މާތް ﷲގެ މަގުގައި ޞަދަޤާތް ކުރެވޭ ކޮންމެ ލޭތިއްކަކީ ފުރާނައަކަށް ދިރުން ދިނުމަށް ކުރެވޭ ޤުރުބާނީއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިހްސާންތެރިވުން"، މި މައުލޫއަށް މިއަދުގެ ހުތުބާ ބިނާކޮށްފައިވާއިރު، ހުތުބާގައި ބުނީ މާތް ﷲ އިންސާނުން އުަފައްދަވާފައިވަނީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާއީ ދިރިއުޅުމެއް އުޅެވޭނެ ގޮތަށް ކަމަށެވެ.
ހުތުބާގައި ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމު ކުދިންނަށާއި، އަޅާލާނެ މީހަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ލޭއަޅާ ކުދިންނަށް އިހްސާންތެރިވުމަށް ހުތުބާގައިވަނީ ވަސިއްޔަތް ކޮށްފައެެވެ.
"ހާއްސަގޮތެއްގައި ލޭއަޅާ ކުދިންނަށް ނުވަތަ ތެލަސީމިއާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭން ޖެހެއެވެ. ހާލުގެ ދުލުން އެކުދިން މިއަދު ގޮވަމުން އެދަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށެވެ. އެކުދިންގެ ބެލެނިވެރިންނާއި މައިންބަފައިން އިންތިޒާރުކުރަމުން އެދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށެވެ. އެ ތުއްތު ކުދިންނަކީވެސް އަޅުގަނޑުމެންގެ މުޖުތަމައުގެ އެއްބައެވެ. އެކުދިން އާދޭސް އެކުރަމުން ދަނީ އަޅުގަނޑުމެންގެ ފަރާތުން ހަދިޔާ ކުރެވޭ ލޭތިއްކަކަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމު ކުދިންނަށާއި، އަޅާލާނެ މީހަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން އެބަޖެއެވެ. މިގޮތުން ހަދިޔާ ކުރެވޭ ކޮންމެ ލޭތިއްކަކީ ﷲގެ މަގުގައި ކުރެވޭ ސަދަގާތެކެވެ. ފުރާނައަކަށް ދިރުން ދިނުމަށްޓައި ކުރެވޭ ޤުރުބާނީއެކެވެ." ހުތުބާގައިވެއެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޙެކެވެ. އޭނާ އޭނާގެ އަހާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އޭނާގެ އަހާ ދުޝްމިނަކަށް ދޫކޮށެއްވެސް ނުލާނެއެވެ. ތިމާގެ އަހާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށްދެއްވާނެއެވެ."
އަދި މީސްތަކުންނަކީ ފޭރަމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަކެކަކާއި ގުޅި ލާމެހިފައިވާ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ދަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އެއް މުއުމިނަކު އަނެއް މުއިމިނަކާ ( ދެމެދުގައިވާ ގުޅުމުގެ މިސާލަކީ) ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއްގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ"
އަދިވެސް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމުގައްޔާއި، ރަހުމުކުރުމުގައްޔާއި، އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، ހޭލާ ހުރުމުންނާއި، ހުންއައުމުން އެހަށިގަނޑުގެ އެންމެހާ ގުނަވަންތައް އެ ގުނަވަނަކާއި ބައިވެރިވެއެވެ"
ހުތުބާއި ބުނީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އޯގާތެރިވުމަކީ އީމާންކަމުގެ ތެރެއިން ވާ ކަމެއް ކަމަށެވެ. އަދި އެއީ ދީނީ ވާޖިބެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ ނިންމާލަމުން ވަނީ އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ހައްޤެއް ކަމަށް ބުނެފައެވެ. އަދި މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ވެވުނު ވަރަކުން އެބައިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުތުބާގައިވަނީ ވަސިއްޔަތް ކުރައްވާފައެވެ.