ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ މިންގަނޑުތަކަކާއި، ޕޯސްޓްމޯޓަމް ރިޕޯޓް ފޯމެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އެކުލަވާލައިފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މިންގަނޑުތައް އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީގައި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ޝައްކު އުފެދޭ ހާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ހޯދުން ހިމެނޭ ކަމަށެވެ.
އަދި މަރާލެވިފައިވާ މީހާގެ އާއިލާއަށް އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ހައްގާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ހައްގު ރައްކާތެރިކުރުމުގެ އިތުރުން އެހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުމަކީވެސް އެ މިންގަނޑުތައް އެކުލަވާލުމުގެ މަގުސަދެއްކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ،
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ހާލަތެއްގައި ޝައްކު އުފެދޭފަދަ ގޮތަކަށް މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ އެޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިންއެއް އެކުލަވާލުމާއި ޕޯސްޓްމޯޓަމް ނުވަތަ އެޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ އާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތުދިނުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލުމަކީވެސް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ މިންގަނޑުތަކަށް އެކުލަވާލުމުގެ މަގުސަދެއްކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
އެޗްއާރްސީއެމްއިން ބުނީ ޝައްކު އުފެދޭ މަރުތަކާއި ޤަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި ޢަދުލު އިންސާފު ހޯދުމަށް ޤާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަކީވެސް މި ގައިޑްލައިން އެކުލަވާލުމުގެ މަޤްޞަދެއްކަމަށެވެ.
އެޗްއާރްސީއެމުން ވަނީ މި ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުން އަވަސްކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.