ޒިނޭ ކުރި އަންހެނަކު ރަޖަމް ކުރަން އިއްޔަ ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން ދެންމެ ނެރުއްވި އަމުރެއްގައި ވިދާޅުވީ ޅ.ނައިފަރު/ހަނީމޫން، އާމިނަތު ޝަރީފާ މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލް ކުރާކަމަށެވެ.
އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކުށްވެރިޔާ އަށް ދިނުމަށް ޙުކުމް ކުރުމުގެ ފުރުސަތު ރާއްޖޭގެ ޤާނޫނުތަކުން ފަނޑިޔާރުންނަށް އޮތް ނަމަވެސް ފަނޑިޔާރަކަށް ޙުކުމް ކުރެވޭނީ ކުރި ދައުވާއެއްގައި އޮންނަ އަދަބެއް ދޭންށެވެ. އެގޮތުން ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރުމަކީ ކުށެއްކަމަށެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރި މީހެއްގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.
ނައިފަރު އަންހެނަކު ރަޖަމުކުރުމަށް ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާއިރު 2015 ވަނަ އަހަރުގެ ތެރޭގައިވެސް ސްޕްރީމް ކޯޓުން ވަނީ ޒިނޭކުރި މީހަކު ރަޖަމުކުރަން ކުރި ހުކުމެއް ބާތިލްކޮށްފައެވެ.