ޒިނޭ ކުރިކަމަށް ސާބިތުވި މީހަކު 'ރަޖަމް' ކުރުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ނައިފަރު ކޯޓުން އެހުކުމް ކުރެއްވީ، އެކޯޓުގެ ޤާޟީ ޝައިހް މުހައްމަދު މޫސާ އެވެ.

ޝައިހް މުހައްމަދު މޫސާ އަކީ ނައިފަރު ކޯޓުގެ ޤާޟީ ގެ ގޮތުގައި މަސައްކަތް ކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. ޤާޟީ މުހައްމަދު މޫސާ އަކީ މިސްރުން ދީނީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ޝެއިހެކެވެ.

ޝަރިއްޢަތުގެ މަޖިލީހުގައި، މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ، އެމީހާއަށް އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖެހުމާއެކު ގޭބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ޤާޟީ ވަނީ މިމީހާ ރަޖަމް ކުރުމަށް ހުކުމް ކުރައްވާފައެވެ.

މި ހުކުމަކީ ނިހާއީ ހުކުމެއްކަން ސާބިތު ކުރަން ޖެހޭ ޖިނާއީ މައްސަލައަކަށް ވާތީވެ، އެމައްސަލަ އޮޓޯއިން އިސްތިއުނާފަށް ދާނެ އެވެ. އެއީ ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށެވެ.

މީގެ ތިން އަހަރު ކުރިން ގއ. ގެމަނަފުށީ ކޯޓުންވެސް ވަނީ ޒިނޭގެ ކުށް ސާބިތުވީ މީހަކު ރަޖަމް ކުރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ކުރިތާ ގަޑިއެއްގެ އިރު ނުވަނީސް ސުޕްރީމް ކޯޓުން އޭރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އޭރު އެމައްސަލަ ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ އެވެ.

ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *