ބޮލީވުޑްގެ މަޝްހޫރު ތަރި ނަރްގިސް ފަކްރީ ފެނިގެންދާނެ ބިރުވެރި ފިލްމް "އަމާވަސް" ރިލީސް ކުރާނީ ފެބުރުއަރީ 1 ގައެވެ.
ކުރިން މި ފިލްމް ޖެނުއަރީ 11 ގައި ސިނެމާތަކުގައި ދައްކަން ނިންމާފައި އޮތް ނަމަވެސް ފިލްމްގެ ވިޒުއަލް އިފެކްޓްސް އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ބައެއް މަސައްކަތް ނުނިމި ހުރުމުން ފިލްމް ރިލީސް ކުރުން ވަނީ މަޑުޖައްސާލާފައެވެ.
"އަހަރެމެން މި މަސައްކަތް ކުރަނީ ފިލްމްގެ ވީޑިއޯ ވީހާވެސް ރީތިކޮށް ގެނެވޭތޯ، އެއީ ވަރަށް ވަގުތު ނަގާ ކަމެއް. އަހަރެމެން ބޭނުމެއް ނޫން ކަންފަސޭހަ ކޮށްލާފައި ފިލްމް ހަދާފަ ނެރޭކަށް، ބޭނުންވަނީ ވަރަށް ފެންވަރުގެ ފިލްމަކަށް މި ފިލްމް ވާން" ފިލްމްގެ ޑައިރެކްޓަރު ބުޝާން ޕަޓޭލް ބުނެފައިވެއެވެ.
ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ދިޔަ "ރާގިނީ އެމްއެމްއެސް 2"، "1920 އީވިލް" އަދި "އަލޯން" އަކީވެސް ބުޝާން ޕަޓޭލް ޑައިރެކްޓް ކޮށްފައިވާ ފިލްމްތަކެވެ.
ބޮލީވުޑްގެ ތަރިން ކަމުގައިވާ ސަޗިން ޖޯޝީ، ވިވާން ބަތޭނާ، ނަވްނީތް ކޯރް ދިއްލޯން، މޯނާ ސިންގް އަދި އަލީ އަސްގަރް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.