އެމްޑީޕީގެ މަޖިލީހުގެ ޕްރައިމަރީގައި އެޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ވާދަކުރެއްވިނަމަވެސް އެެއްވެސް ނުފޫޒެއް ނެތްކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ޕްރައިމަރީއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ޕްރައިމަރީގައި އެއްވެސް ފަރާތަކަށް ވޯޓު އޮޅުވާލުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ދެފުށް ފެންނަ އިންތިހާބަކަށް ހައްދަވާނެ ކަމަށެވެ.
''ރޭގަނޑު ވޯޓްލުން ކުރިޔަށް ދިޔަޔަސް އެއްވެސް ފަރާތަކަށް ވޯޓް އޮޅުވައެއް ނުލެވޭނެ. ވޯޓްލުން ކުރިއަށްދާނީވެސް އަދި ވޯޓް ގުނާނީވެސް ދެފުށްފެންނަ ގޮތަށް. ލީޑަރޝިޕުގެ ބޭފުޅުން ވެސް ވާދަކުރައްވާނެ. އެހެން ނަމަވެސް އެބޭފުޅުންގެ ފަރާތުންވެސް އެއްވެސް ނުފޫޒެއް ނެތް.'' އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް އެތެރޭގެ އިންތިޚާބުތައް ކުރިއަށްގެންދަނީ، ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް އަދި އެންމެ މަސްލަހަތު ރަގަޅު ގޮތުގައި ކަމަށް އިންތި ވިދާޅުވިއެވެ.
އަދި މިފަހަރުގެ މަޖިލިސް ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ވާދަކުރައްވައެވެ.