އޮޅުވާނުލައްވައްޗެވެ. އަޅުގަނޑުގެ މި ލިޔުމުގެ މަގުސަދަކީ މީހަކު ކުރި ކުށެއް ސާބިތުކުރުން ނުވަތަ ސާބިތު ނުކުރުމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި އެންމެ ފަތުއަޑު ކިޔާފަ ދައްކާ އެއްވާހަކައަކީ ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކައެވެ. ފަނޑިޔާރުގެއިން ނުޙައްޤުން މީހުނަށް ހުކުމްކުރާ ވާހަކައެވެ. އަދި އެ ފަނޑިޔާރުން ބަދަލުކޮށްގެން ނޫނީ އިންސާފުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ކަށަވަރުނުވާނެ ވާހަކައެވެ. މި ވާހަކަތައް އެންމެ ގަދަޔަށް ދައްކާ ބަޔަކީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއެވެ. އެއީ މިއަދަކު އެމްޑީޕީން ދައްކަން ފެށި ވާހަކައެއް ނޫނެވެ. އެމްޑީޕީ އުފެދުނު ފިކުރަކީވެސް މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ކަށަވަރު ކުރުމެވެ.

ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް ޚާއްސަކޮށް އެމްޑީޕީން އެންމެބޮޑަށް ރައްޔިތުންނަށް ވިއްކި އެއްޗަކީވެސް މިނިވަން ފަނޑިޔާރުގެއެއް ނެތްވާހަކައެވެ. ރައްޔިތުންނަށް ޚާއްސަކޮށް ސިޔާސީ ފަރާތްތަކަށް ހުކުމްކުރުމުގައި އިޖުރާޢަތެއް ސާއަތެއް، އަމާނަތެއްވެސް ބެލުމެއް ނެތްވާހަކަ އޭރުގޮވަމުން ދިޔައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތާއި، ރައްޔިުތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ ޝަރީޢަތަޢީ، ހޯމް މިނިސްޓަރު އިމްރާންގެ ޝަރީޢަތާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީޢަތާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި، އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީޢަތްތައްވެސް ހިނގާފައިވަނީ އުސޫލުން ބޭރުން، ޤާނޫނު އަސާސީއާއި ޚިލާފުވުމުގެ އިތުރުން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ފުރިހަމަ ނުކޮށްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދިޔައީ ފާހަގަކޮށް އަޑުއުފުލަމުންނެވެ.

ރައީސް ޔާމީނަކީ ޚުދުމުޚުތާރުވެރިއެއްކަމަށާއި، އަނިޔާވެރިއެއް ކަމަށް އޭރުގަ ވަކާލާތުކުރަމުން ދިޔަ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަމުން ދިޔައީވެސް ނުޙައްޤުން މީހުން ޖަލަށްލުމާއި، ފަޓާސްބަރިއެއްހެން ޝަރީޢަތް ކުރުމެވެ. ޚާއްސަކޮށް ސިޔާސީ ހަތުރުންނާއިމެދު ޚާއްސަ އުސޫލަކުން ޢަމަލުުރަމުން ދާ ކަމުގެ ޝަކުވާ އެ ބޭފުޅުން އޭރުގަ ތަކުރާރުކޮށް އުފުލިއެެވެ. ރައީސް ޔާމީންގެ ވެރިކަމަށް އެންމެ ބޮޑު ލޮޅުމެއް އައި އެއްދުވަހަކަށް ވާނީ ނިމިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރެވެ.

އެ އަމުރު ނެރުމާއެކު އެ އަމުރު ތަންފީޒުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައެވެ. މަގުމަތީ މުޒާހަރާކޮށް، އަޑު އުފުލަމުން ދިޔައީ އެ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް މަޖުބޫރުކުރުވުމަށްޓަކައެވެ. އެ އަމުރުގައިވާ ގޮތުން، ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކުރަން ޖެހެއެވެ. އެގޮތުން، ރައީސް ނަޝިދު، ޤާސިމް އިބްރާހީމް، ޝެއިޚު އިމްރާން، ކާނަލް ނާޒިމްގެ އިތުރުން އަދީބުއާއި އިތުރު ފަރާތްތައް ހިމެނެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ އަމުރު ތަންފީޒެއްނުކުރިއެވެ. އޭގެ ފަހުން ރިޔާސީ އިންތިޚާބުން ރައީސް ޔާމީންގެ މައްޗަށް ކުރިހޯދީ އޭރުގެ އިދިކޮޅު ކޯލިޝަނުންނެވެ.

ދެނެ ފެނިގެން ދިޔައީ ތަފާތު މަންޒަރުތަކެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެކިގޮތްގޮތުން ހުކުމް ތަންފީޒުކުރަމުން ގެންދެވި ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި މުރާޖާ ކުރަން ފެށިތަނެވެ. ބައެއް މައްސަލަތަކުގައި ހުދު ދައުލަތުގެ ފަރާތުން އެކަމަށް ހުށަހަޅައިގެންނެވެ. އަނެއްބައި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތުން އެދިގެންނެވެ. ދެގޮތުގައިވެސް ފެނިގެން ދިޔައީ ފަހަރަކު ބޭފުޅެއް ފަހަރަކުް ބޭފުޅެއް މިނިވަންވެގެން ދިޔަ މަންޒަރެވެ. ކޮންމެ މައްސަލައެއްގެ ފައިސަލާގައިވެސް ފާހަގަކޮށްފައިވަނީ އެއް ވާހަކަތަކެކެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކެވެ. އެ މައްސަލަތައް ހިންގާފައިވަނީ އިޖުރާޢަތްތަކާއި ޚިލާފަށްކަމެވެ. ޤާނޫނު އަސާސިއާއި ޤާނޫނުތަކުން ކަށަވަރުވެފައިވާ ޙައްޤުތައް ބޮލާލާ ޖަހާފައިވާކަމަށެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ޚިލާފުވެފައިވާކަމެވެ. ދިވެހިރާއްޖެއިން ސޮއިކޮށް ޢަމަލުކުރަމުން ދާ މުއާހަދާތަކާއި ޚިލާފުކަމަށް ބުނެއެވެ.

އެގޮތުން ރައީސް ނަޝީދު، ޤާސިމް އިބްރާޙިމް، ޝެއިޚް އިމްރާންގެ އިތުރުން ކާނަލް ނާޒިމް، އަދިވެސް ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ވަނީ ކޮށްފައިވާ ހުކުމްތައް އަލުން މުރާޖާކޮށް އެ ބޭފުޅުންވަނީ މިނިވަން ވެފައެވެ. މީގެ އިތުރުން، ކުރީގެ ޕީޖީ މުހުތާޒު، ގާޒީ ނިހާންމެންފަދަ ބޭފުޅުންވެސް ވަނީ މިނިވަންވެފައެވެ. ސުޕްރީމް ކޯޓުން 2018ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ގިނަ ކަންކަން ފާހަގަކޮށް ނެރުނު އަމުރުގައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވާ ހުރިހާ ބޭފުޅުން ވަނީ މިނިވަންކޮށްފައެވެ. އާދެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަދިވެސް އޮންނެވީ ޖަލުގައެވެ.

މައްސަލައަކީ އަދީބު ޖަލުގަ އޮންނަން ޖެހުމެއް ނޫނެވެ. ނަމަވެސް އިންސާފާއި ހަމަހަމަކަމާއި، އަދިވެސް އެ ލިބެން ޖެހޭ ޙައްޤުތަކެއް އަދީބުއާއި ހަމައިން ހުއްޓުމެވެ. ކުރިން ދެންނެވުނު ބޭފުޅުންގެ ޝަރީޢަތްތަކާއި އަދީބުގެ ޝަރީއަތްތައް ކުރިޔަށް ގެންދިޔުމުގަ މާކަ ބޮޑު ތަފާތެއް ނެތެވެ. އިޖުރާޢަތްތަކާއި ޚިލާފުކަމަށް ވަކީލުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އަދީބުގެ ޝަރީޢަތްތައްވެސް ގޮސްފައިވަނީ ކަށަވަރުކޮށްދޭން ޖެހޭ އެތައް ޙައްޤެއް ނިގުޅައިގެންފައެވެ. ދިފާއުގައި ވާހަކަދެއްކުމުގެ މާ ބޮޑު ފުރުސަތެއް ނުލިބުނުތާގައި ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސްވެސް ނުނަގައެވެ. ހަމަ ފަޓާސް ބަރިއެއްހެން ހުކުމްކޮށް ނިންމާލީއެވެ. 

އަދީބުގެ މައްސަލަތައް ކަވަރު ކުރަމުން، އެ މައްސަލަތައް ދިރާސާ ކުރާ ގިނަ ނޫސްވެރިންވެސް އެއްބަސްވަނީ އެ މައްސަލަތައް އަލުން މުރާޖާ ކުރަން ޖެހޭކަމަށެވެ. ސިއްރުކުރި ޝަރީޢަތްތްތައް ނޫން ހުރިހާ ޝަރީޢަތްތަކަށް ވަދެ މި މައްސަލަ ދިރާސާކުރި ނޫސްވެރިން ދަނީ މި މައްސަލަ އަލުން މުރާޖާ ކުުމަށް ގޮވާލަމުންނެވެ.

ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކާ ފަރާތްތަކުން މި ވަގުތު ނަގަން އޮތް އެންމެ ރަނގަޅު މިސާލަކީވެސް އަދީބުގެ ޝަރީޢަތްތައް ދިޔަގޮތުގެ މިސާލެވެ. ފަނޑިޔާރުން އިސްލާހުކޮށް ވަކިކުރަންވެސް މިއަދު ދައްކަން އޮތް އެންމެ ރަނގަޅު މިސާލަކީވެސް އެއީއެވެ.

ރިޕޯޓު ފަށަމުންވެސް އަޅުގަނޑު ފާހަގަކުރި ޕޮއިންޓަށް އަދި ޖެހިލާނަމެވެ. ސުވާލަކީ އަދީބު ކުރީ ކުށެއްތޯ ނުވަތަ ނޫންތޯއޭ ބެލުމެއް ނޫނެނެވެ. ސުވާލަކީ އެ ކަންކަން ސާބިތު ކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ؟ އިޖުރާޢަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯއެވެ؟ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ލިޔެފައިވާ ޙައްޤުުތައް ކަށަވަރުވިތޯ ނުވަތަ ނޫންތޯއެވެ؟ އަދީބުގެ ޝަރީޢަތްތައް ދިޔައީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ؟ އަދި އަދީބުގެ ޝަރީޢަތްތައް ދިޔައީ އިންސާފުވެރިކަމާއެކުގައިތޯ ނުވަތަ ނޫންތޯއެވެ؟

ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އަދީބަށްވެސް އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދޭން ޖެހެއެވެ. ބޮލާލާ ޖެހުމަކީ ގޯހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *