ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މާދަމާ އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
ޕީޕީއެމުން ބުނިގޮތުގައި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 1:30 އަށެވެ. މީގެކުރިން ވެސް އެމަނިކުފާނު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ. އޭރު ޔާމީން ހާޒިރު ކުރެވިފައިވަނީ އެމަނިކުފާނުގެ ކެމްޕޭނަށް ފައިސާ ހޯދި ގޮތުގެ ތަފްސީލު ހޯދުމަށެވެ. ޕުލުހުން ވަނީ ޔާމީންގެ އެކައުންޓްތައް ވެސް ފްރީޒް ކޮށްފަ އެވެ. އެކައުންޓް ފްރީޒް ކުރިއިރު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކައުންޓްތަކުގައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާތީ ޕީޕީއެމް އޮފީސް ކުރިމައްޗަށް ސަޕޯޓަރުން އައުމަށް އެޕާޓީން ދަނީ ގޮވާލަމުންނެވެ.
"ޖަޒީރާ" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން މިފަހަރު ޗިޓް ފޮނުވާފައިވަނީ، މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރުގެ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ތަހުގީގު ނިމެންދެން ބީއެމްއެލްގެ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ، އެ އެކައުންޓަށް އެ ފައިސާ ޒަމީރުގެ ޗެކަކުން ޖަމާކުރި މައްސަލައިގައިވެސް އެމަނިކުފާނާ ސުވާލުކުރުމަށް ހަމަޖެހިފައިވާކަން "ޖަޒީރާ" އަށް ވަނީ ކަށަވަރުވެފައެވެ.