ކޮންމެ އާއިލާއަކީ އެންމެ އުފަލުގައި އުޅޭނެ އާއިލާއަކަށް ފަހަރުގައި ނުވެދާނެއެވެ. އެތަކެއް ވޭނަކާއި ކެކުޅުމެއް ބަރުދާސްތުކުރަން ޖެހޭ އާއިލާތައް ދުނިޔޭގެ ހަތަރު ބިތުގައި ގިނަ އަދަދަކަށް އެބަހުށްޓެވެ. އެކި އެކި ސަބަބުތަކާއި ހުރެ މުޖުތަމައުން ބާކީވެފައި ތިބި ނުވަތަ ބާކީ ކޮށްލައިފައިތިބި އެތައް އާއިލާއެއް އެބަތިއްބެވެ.
އެގޮތުން އިންޑިއާގެ ހައިދުރަބާދުގައި ދިރިއުޅެމުން އަންނަ އުމުރުން 25 އަހަރުގެ ޑްވާފެއް ކަމަށްވާ ރާމް ރާޖު ކައުޗަންގެ އާއިލާ އަކީ މިފަދަ ވޭނެއް ތަހައްމަލު ކުރަން ޖެހިފައިވާ އާއިލާއެކެވެ.
ޖެނެޓިކް މައްސަލައްގެ ސަބަބުން އެ އާއިލާގެ ހުރިހާ މެންބަރުންނަކީ އިސްކޮޅުން ކުރު ޑްވާފުންނެވެ. ރާމްގެ އާއިލާގެ 9 މެންބަރުންނަކީ ޑްވާފުން ކަމަށް ވުމުން އެއާއިލާއަށް ވަނީ ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައެވެ.
މީހުންގެ މަލާމާތާއި ފުރައްސާރައާއި އެއާއިލާގެ މީހުން ކުރިމަތިލާން ނުޖެހޭ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ. އިސްކޮޅުން ކުރު ކަމަށްބުނެ އެއްވެސް ވިޔަފާރިވެރިއަކު އަދި ސަރުކާރަކުންވެސް އެއާއިލާގެ މެންބަރަކަށް ވަޒީފާއެއް ދޭން ބޭނުމެއް ނުވެއެވެ. ރާމްގެ އާއިލާއިން އެއާއިލާގެ މެންބަރުންގެ ހަރަދުތައް ބަލަހަށްޓަނީ ދުރުތާ ތިމާގެ މީހުންނާއި ހެޔޮއެދޭ ރަށްޓެހިންގެ ދީލަތި އެހީއިންނެވެ.
އިންޑިއާގެ ނޫހަކަށް ރާމް ދިން އިންޓަވިޔުއެއްގައި ބުނީ އިސްކޮޅުން ކުރުވުމަކީ އޭނާގެ އާއިލާގެ ބަދުނަސީބު ކަމުގައި ނުދެކޭ ކަމަށާއި މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އެއާއިލާގެ މެންބަރުން އުޅެނީ އުފަލުގައި ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި ޑްވާފަކަށް ވުމަކީ ކުރިއަށް ދެވޭނެ މަގު ބަންދުވާ ކަމެއް ކަމުގައި ގަބޫލު ނުކުރާ ކަމަަށްވެސް ރާމް ބުނެފައިވެއެވެ.