ބަނޑުހައި ނުވި ކަމުގައި ވިޔަސް ފޫހިވެގެން އަބަދުވެސް ކޮންމެސް އެއްޗެއް ހަފާލަ ހަފާލާ ހުރުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފަ ހުންނަ އާދައެކެވެ. ނަތީޖާއަކަށް ވަނީ ސަރުބީ ނުވިރިގެން ދުވާލަކު ދެދަޅައަށް ދުވަން ގޮސްގެން ނޫނީ ހިތްހަމަ ނުޖެހޭ ވަރަށް މީހާ ފަލަ ވެގެން ދިއުމެވެ.
މިގޮތަށް ކަން ވާނަމަ އެންމެ ފުރަތަމަ ކުރަން ވީ ކަމަކީ ފޫހި ވެގެންނޭ ކިޔާފައިވެސް ޒާތްޒާތުގެ ލުއިކާނާ ނުކައި ވީހާވެސް އަޒުމު ވަރުގަދަ ކޮށްގެން ހަށިގަނޑަށް ފައިދާހުރި އެއްޗެހި ނޫނީ ނުކާން އާދަކުރުމެވެ.
ކަރު ހިތްކައިގަތީމަވެސް ބައެއް މީހުންނަށް ހީވެފަ އޮންނަނީ އެއި ބަނޑުހައިވުން ކަމަށެވެ. އެހެން ކަމުން ހަމަ ކުއްލިއަކަށް ކާހިތް ވެއްޖެނަމަ ތެލުލި ބަނބުކެޔޮ ތައްޓެއް ހޯދަން ދުއްވައިގަތުމުގެ ބަދަލުގައި ދެތަށި ފެން ބޯލާށެވެ.
މާ ބޮޑަށް ފޫހިވެ، ކުރާނެ ކަމެއް ނެތިގެން ކާހިތްވާ ކޮންމެ ފަހަރަކު ސޯފާ އަށް ވެއްޓިގަނެ އަތަށް ޗިޕްސް ޕެކެޓެއް ލައިގެން ފިލްމް ބަލަން އޮތުމުގެ ބަދަލުގައި އެކުވެރިންނާއެކު ބޭރަށް ގޮސް ހިނގާލާ އުޅެލީމަ ރަނގަޅުވާނެއެވެ. އެކުވެރިއަކު ނެތް ހަލަތެއްގައި އެކަނި ދިޔަސް ފައިގާ ހިފަހައްޓާނެ މީހަކު ނާންނާނެއެވެ. އިހުގައި ބުނާހެން ލަދަކާއި ހުރެ ތަދެއް ނުފިލާނެއެވެ.
ދެން އޮތް ގޮތަކީ ފޮތެއް ކިޔާލުމެވެ. ފޮތެއް ކިޔާނަމަ އޮންނާނީ ކާއެއްޗެއްގެ ވަސް ވެސް ނުދުވާނެހެން މުޅިންހެން ފޮތުގެ ތެރެއަށް މީހާ ގެއްލި އެކަމަށް ސިކުނޑި ހުސްވެފައެވެ. ފޮތް ކިޔާހިތް ނުވާނަަމަ ގޭމް ކުޅުން ނުވަތަ ކުރެހުން ފަދަ އިތުރު އެތައް ކަމެއް ކުރެވިދާނެއެވެ. ބޮޑަށް ރަނގަޅުވާނީ ދެ އަތް ބަންދުވެފައި ހުންނަ ފަދަ ކަމެއް ކުރުމެވެ. އޭރުން ކާއެއްޗެހި ކަމުން އެ ކުރާ ކަމެއް ނުކުރެވޭނެއެވެ.
ކަންނެއް މީހަކަށް މިކަން ދިމާވާނަމަ އެންމެ ފަސޭހަ ގޮތަކީ ޗުއިންގަމެއް ހަފާލަ ހަފާލާ ހުރުމެވެ. މިގޮތަށް ކަން ކުރުމުން އިތުރު އެއްޗެއް ކާހިތް ވުމުގެ އަސަރު ކުޑަ ވާނެއެވެ. އެހެންކަމުން އަބަދުވެސް ފެންނަ ހިސާބެއްގައި ޗުއިންގަމް ޕެކެޓެއް ބޭއްވުން މުހިންމެވެ. އޭރުން ކަންނެތް ކަންމަތީ ހުރެވެސް ކެއުން އިތުރުނުވެ މަޑު ޖެހިގެން ދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ކަންނެތްކަން ފިލުވައިލުމެވެ.
މިހުރިހާ ކަމެއް ކުރުމުންވެސް ފޫހިވެގެން ބަނޑުހައި ވާނަމަ ތިރީގައި އެވަނީ އެކަހަލަ ހާލަތެއްގައި ކެވިދާނެ އަދި ހަށިގަނޑަށްވެސް ފައިދާކުރާނެ ބައެއް ކުދި ކާތަކެއްޗެވެ.
ކެރެޓު
ކެރެޓަކީ ކާލުުމުން މުރުމުރު އަޑު ގޮވައިގެން ނުދިޔަ ކަމުގައިވިޔަސް އާނުްމުކޮށް މީހުން ކައި އުޅޭ "ޗިޕްސް" ގެ ބަދަލުގައި ކެވިދާނެ އެއްޗެކެވެ. ކެރެޓު ނުބައި ނަމަ އެކަހަލަ އެހެން ތަރުކާރީ އެއް ނުވަތަ މޭވާ އެއް ކެއުން ރަނގަޅުވާނެއެވެ. ތަރުކާރީއާއި މޭވާ ކެއުމުން ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދިނުމާއެކު ފަލަވުމާއި ދުރުކޮށްދެއެވެ. ކެރެޓު، އާފަލު އަދި ދޮންކެޔޮ ފަދަ އެއްޗެހި ކެއުމުން ވަރަށް ފަސޭހައިން ބަނޑު ފުރުމުގެ އިހުސާސް ކުރެވޭނެއެވެ. އެހެންކަމުން ދެން އިތުރު އެއްޗެއް ކާނެ ހިޔާލެއް ނުކުރެވޭނެއެވެ.
ޕޮޕްކޯން
ފޫހިވެގެން ގިނަ ފަހަރު ދެވޭނީ ޓީވީ ނުވަތަ ކޮމްޕިއުޓަރު ކައިރިއަށެވެ އަދި އެންމެ ފަސޭހައިން ކެވޭނެ އެއްޗެއް ހޯދަން ހިތަށް އަރާއިރު އެންމެ މަތީގައި އުޅޭނެ ނަމަކީ ޕޮޕްކޯނެވެ. ވީމާ ޕޮޕްކޯން ތައްޔާރު ކުރާއިރު ބަޓަރާއި ލޮނު ފަދަ ތަކެތި ނާޅާ ތައްޔާރު ކުރުމުން އެންމެ ރަނގަުވާނެއެވެ. ރަހައެއް ނުލައޭ ކިޔައިގެން ޝަކުވާ ކުރާ މީހުން، ކުޑަ ލޮނުކޮޅެއް ލިޔަސް ރަނގަޅުވާނެއެވެ. ނަމަވެސް ތެލާއި ބަޓަރު އަދި މާޖިރިން ފަދަ ތަކެތި ނާޅާށެވެ.
ބަދަން
ފޫހިވެގެން ގޮސް އެއްގޮތަކަށްވެސް ކެތްނުވާ ވަރު ވެގެން ކޮންމެވެސް "ކޫސަންޔެއް" ކާހިތް ވާނަމަ އެކި ވައްތަރުގެ ބަދަނާއި މަދު ފަދަ ތަކެތި އެއްކޮށްލައިގެން ކާލާށެވެ. ނަމަވެސް މިތަކެތި ކާއިރު މާ ގިނައިން ނުކައި، ޖޯޑެއް ކަހަލަ އެއްޗެއް ފުރެންދެން ހުންނަ ވަރަށް ކާލާށެވެ.