ވ އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވަމުންދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލިދޫ ކަނޑުތެރެއިން ސަފާރީއެއް ދިޔަވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވަނީ 11:20 ހާއިރު ކަމަށެވެ.
އަދި މިހާރު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް ސަފާރީ އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކައިރީގައި އޮތް ފިހާޅޮހި ރިސޯޓުގެ އުޅަނދެއްގެ އެހީތެރިކަންވެސް ހޯދަމުން އަންނަ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ބުނީ ސަފާރީގައި ތިބީ 16 ފަތުރުވެރިންގެ އިތުރުން 8 ފަޅުވެރިން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން މައުލޫމަތު ދިންގޮތުގައި ސަފާރީ ދިޔަވުން މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ބެލެވޭ ގޮތުގައި ސަފާރީ ދިޔަވަމުންދަނީ ސަފާރީގެ ޖަނަރޭޓަރަކަށް މައްސަލަޖެހުމުން ކަމަށާއި، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ސަފާރީގެ ދިރުނބާ ކޮޅުން ލަކުޑި ފީވެފައިވާ ދިމާލެއް ފަޅައިގެން ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.