ދުނިޔޭގެ ދުވަސްތައް ފާފަތަކާއި މުންކަރާތްތަކަށް އަރައިގަތުމުގައި ހޭދަކުރަމުން އަންނަ މީހާއަށްވެސް ތައުބާވެ ﷲގެ މަގުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާހުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހެއެވެ. މިއަދި މިވަގުތުން ފެށިގެންވެސް އިސްލާހުވާން ބޭނުން މީހަކަށް ފުރުސަތު އެބައޮތެވެ. ބޭނުންވަނީ ކެތްތެރިކަމާއި ގަދަފަދަ އަޒުމެކެވެ" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ބަޔާން ކުރައްވާފައެވެ. އެގޮތުން މީގެ ކުރީގެ އުންމަތްތަކުގެ މުސްލިމުން އިސްލާމްދީނުގެ މަތީގައި ސާބިތުވެ ހުރުމަށް އެތަކެއް ވޭނަކާއި އެތަކެއް ބުރަ މަސްއޫލިއްޔަތެއް އުފުއްލަވާފައިވާ ކަމަށާއި ނަމަވެސް އަދުގެ މުޖުތަމައުން އެފަދަ މަންޒަރު ނުފެންނަ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ﷲ ތައާލާގެ ރަހުމަތުން އަޅުގަނޑުމެންނަށް ރީތި މިސްކިތްތަކާއި ދުރަށް އަޑުފޮނުވޭނެ ވަސީލަތްތައް ދެއްވާފައިވާއިރު ފަރުޞު ފަސް ނަމާދު ގަޑިން ގަޑިއަށް ކޮށްލެވެނީ ކިތައް މީހުންނަށްތޯއެވެ! ދުވާލަކު އެއްފަހަރު ޤުރުއާނުން ދެފޮޅުވަތް ނުވަތަ އެއް ފޮޅުވަތް ކިޔާލެވެނީ ކިތައް މީހުންނަށް ތޯއެވެ! މިއިން ދުވަހަކު އިސްލާމް ދީނުގެ ހުކުމްތަކާއި އިރުޝާދުތައް އެކުލެވޭ ފޮތެއް ކިޔާލީ ކިތައް މީހުންތޯއެވެ! ކޮފީ މޭޒުތަކުގައި ފޫހިކަމެއްނެތި ގިނަ ވަގުތު ހޭދަކުރެވޭއިރު ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔައިލަން ދެތިން މިނެޓު ހޭދަކޮށްލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ޒުވާނުންނަށް ތޯއެވެ!" ހުތުބާގައިވެއެވެ.

"މިއަދު ފަސޭހައިން ސްމާޓް ފޯނުން ގުރުއާނުގެ ތަރުޖަމާ ކިޔޭގެ ގޮތް މިވަނީ ފަހިވެފައެވެ. ނަމަވެސް ގިނަ މީހުންނަކަށް މިއަދު ވަގުތު ނެތެވެ. ދުނިޔަވީ ކަންކަމުގައި މަސްއޫލުވެ އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ އަހައްމިއްޔަތުކަން ކުޑަވެއްޖެއެވެ" ހުތުބާގައި ބުނެފައިވެއެވެ.

އަދި އަޅުގަނޑުމެންގެ ހިތްތައް އަޅުގަނޑުމެންގެ އަހުންނާއި މެދުގައި ސާފުކޮށް ބޭއްވުމަކީ އިސްލާމް ދީން ވާޖިބުކުރައްވާ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

ﷲ ތައާލާ ވަހީކުރައްވާފައުވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "( އެދުވަހަކީ) އަނިޔާވެރިންނަށް އެއުރެންގެ އުޒުރު ދެއްކުމުން މަންފާއެެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ ލައުނަތެވެ. އަދި އެއުރެންނަށް ހުރީ ނުބައިގެނެންވާ ގޮވައްޗެކެވެ."

ހުތުބާ ނިންމާލަމުން ވަނީ ދުލާއި އަމަލުން އެހެން މުސްލިމުންނަށް އެއްވެސް ގެއްލުން ނުދިނުމަށް ވަސިއްޔަތްކޮށްފައެވެ. އަދި ހެޔޮކަންކަން ކުރުމަށާއި އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *