ސިނާމާލޭ ބުރިޖު ހައިވޭ މަތިން ކާރެއް ފުރޮޅާލައިފިއެވެ.
ކާރު ފުރޮޅާލާފައި އޮތް ސަރަހައްދުގައި މި ވަގުތު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:50 ގައި ކަމަށެވެ. ކާރު ފުރޮޅާލިއިރު ކާރުގައި އިނީ އެންމެ މީހެއް ކަމަށާއި އޭނާއަށް އަނިޔާއެއް ނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެކްސިޑެންޓުގައި ފުރޮޅާލި ކާރުގެ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ބޮޑަށް ބެލެވޭ ގޮތުގައި ކާރު ފުރޮޅާލައިފައިވަނީ މަގުގެ އަރިމަތީގައި ހުރި ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
ސިނަމާލެ ބުރިޖު ހުޅުވާ މާލެ އާއި ހުޅުމާލެ ހައިވޭއަކުން ގުޅުވާލި ފަހުން އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ.