ރ. އިނގުރައިދޫގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރ. އަތޮޅު އިނގުރައިދޫގައި 2 ސައިކެލެއް ޖެހި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި ވަނީ ތިން މީހަކަށް އަނިޔާ ވެފައި ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު މެންދުރު 14:18 ހާއިރު ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް މިހާރު ފަރުވާ ދެމުން ގެންދަނީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށާއި އަދި އެކަކަށް ވެސް މާ ސީރިއަސް އަނިޔާ ތަކެއް ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އިނގުރައިދުގައި މިއަދު ހިނގި އެކުސިޑެންޓްގައި އަނިޔާ ވެފައިވަނީ، ދިވެހި ފިރެހެނުންނަށް ކަމަށާއި އަދި ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު އަންނަނީ ނުރައްކާތެރި އެކްސިޑެންޓް ތައް ހިނގަމުންނެވެ. އެގޮތުން، މިދިޔަ އަންގާތަ ދުވަހު އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ މީހެއްގެ ފުރާނަވެސް ގެއްލިފައެވެ.