ހީރޯއިން އާންމު ގޮތެއްގައި ފެންނަނީ ފިލްމުތަކުންނާއި ކާޓޫނު ތަކުންނެވެ. ނަމަވެސް ބައެއް ފަހަރު އާންމު ދިރިއުޅުމުގައި އެފަދަ ހީރޯއިން ފެނެއެވެ. އެ ހީރޯއިންގެ އަގުނުކުރެވޭ ހިދުމަތްތައް ފެނެއެވެ.
އެގޮތުން އިންޑިއާ ވެރި ރަށް ނިއު ދިއްލީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އޮޓޯ ޑްރައިވަރެއްކަމުގައިވާ ޕަވަން އަކީ މި ފަދަ ނަމޫނާ ހީރޯއެކެވެ. ޕަވަން ވަނީ ކޯރަކަށް ގެނބެމުން ދިޔަ ދެމައިން ސަލާމަތްކުރުމަށްޓަކައި އޭނާގެ އަމިއްލަ ފުރާނަ ގުރުބާން ކޮށްފައެވެ.
ޕަވަން ކޯރުގެ ތެރެއަށް ގެއްލުނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގައެވެ. އޭނާ ގެއްލިފައިވަނީ ކޯރަށް ގެނބެމުން ދިޔަ ދެމައިން ސަލާމަތްކުރުމަށް ފަހު އަމިއްލައަށް ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރޭގައި ކޯރުގެ ގަދަ އޮއިގެ ސަބަބުން ކަމަށް މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ދިއްލީގެ ފުލުހުން ޕަަވަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ފަސްވަރަކަށް ދުވަސްވެފައިވާއިރު އަދިވެސް ޕަވަން ފެނިފައެއް ނުވެއެވެ.
ގެނބެމުން ދަނިކޮށް ސަލާމަތްކޮށްދިން ދެމައިންނަށް ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ އިރު އެ ދެމައިންގެ ހާލަތު ރަނގަޅުކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ދެމައިން މޫދަށް ފުންމާލީ އަންހެން މީހާގެ ފިރިމީހާ ޖެހުނު މައްސަލައެއްގައި ދަރިފުޅާއި އެކުގައި އަމިއްލައަށް މަރުވުމަށެވެ.